18 Nov 2014, 09:26
ކެންބަރާ (ނޮވެމްބަރު 18) : މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި އޮސްޓްރޭލިޔާއާއި ޗައިނާއިން ސޮއިކޮށްފި އެވެ. މިއެއްބަސްވުމުގައި ދެގައުމުން ސޮއިކުރީ ޗައިނާގެ ރައީސް ޝީޖިންގް ޕިން މިހާރު އޮސްޓްރޭލިޔާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ.
އޮސްޓްރޭލިޔާ ސަރުކާރުގެ މަސްއޫލުވެރިއެއް ކަމަށްވާ ޖޯޝް ފްރައިޑިންބާގް ވިދާޅުވީ މިއެއްބަސްވުމުގެ ސަބަބުން އޮސްޓްރޭލިޔާގެ އެތައް ބިލިޔަން ޑޮލަރެއްގެ އުފެއްދުންތައް ޗައިނާގެ ބިޔަ ބާޒާރަށް ހެޔޮއަގެއްގައި ނެރުމުގެ ފުރްސަތު އޮސްޓްރޭލިޔާގެ ވިޔަފާރިވެރިންނަށާއި ކުންފުނިތަކަށް ލިބިގެންދާނެ ކަމަށާއި މިއީ ވިޔަފާރީގެ ގޮތުން އެގައުމަށް ލިބުނު ވަރަށް ބޮޑު ފުރްސަތެއް ކަމުގަ އެވެ.
އޮސްޓްރޭލިޔާއިން ޗައިނާއާއެކު އިއްޔެ ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން 18 ބިލިޔަން އޮސްޓްރޭލިޔާ ޑޮލަރު (16 ބިލިޔަން އެމެރިކާ ޑޮލަރު)ގެ މުދާ ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ ފުރްސަތު އެގައުމަށް ލިބިފައިވެ އެވެ. މިއެއްބަސްވުމުގެ ދަށުން އޮސްޓްރޭލިޔާ އިން ޗައިނާ އަށް އެކްސްޕޯޓް ކުރުމަށް ހަމަޖެހިފައިވާ އުފެއްދުންތަކުގެ ތެރޭގައި ކިރާއި ކިރުގެ ބާވަތްތަކާއި އަލްކޮހޯލްގެ ބާވަތްތަކާއި އެނޫން ވެސް ބައެއް ބާވަތްތައް ހިމެނެ އެވެ. މިތަކެއްޗަށް ބާޒާރު ހޯދުމަށް އޮސްޓްރޭލިޔާގެ ކުންފުނިތަކަށް ބައެއް ދަތިތައް ކުރިމަތިވެފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެ އެވެ.
ނަމަވެސް މިއެއްބަސްވުމުގެ ދަށުން އޮސްޓްރޭލިޔާގެ އިގްތސާދުގެ މުހިއްމު އެތަށް ދާއިރާއެއްގައި އެތަށް ބިލިޔަން ޑޮލަރެއްގެ ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމުގެ ފުރްސަތު ޗައިނާއަށްފަހިވެގެންދާނެ އެވެ. އަދި މިއިންވެސްޓްމަންޓްތަކުގެ ސަބަބުން އެތައް ބިލިޔަން ޑޮލަރެއްގެ ފައިދާ އޮސްޓްރޭލިޔާގެ އިގްތިސާދުން ނެގުމުގެ ފުރްސަތުވެސް ޗައިނާއަށް ލިބިގެންދާނެ އެވެ. (ރޮއިޓާސް)