18 Nov 2014, 09:23
ލަންޑަން (ނޮވެމްބަރު 18) : އަޅުވެތިކަމުގައި ދުނިޔޭގައި 36 މިލިޔަން މީހުން ދިރިއުޅެމުންދާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ "ވޯކްފްރީ" ޖަމްއިއްޔާ އިން ބުނެފި އެވެ.
އެ ޖަމްޢިއްޔާ އިން ނެރުނު ތަފާސް ހިސާބާބެހޭ ރިޕޯޓެއް ބުނާގޮތުން އާބާދީގެ ނިސްބަތަށް ބަލާއިރު އެހެން ބައެއްގެ އަޅުންނަށް ވެގެން އަޅުވެތިކަމުގައި އެންމެ ގިނަ ބަޔަކު ދިރިއުޅެނީ އިންޑިޔާގަ އެވެ. އަދި ދެވަނައަށް އާބާދީގެ ނިސްބަތުން އަޅުން އެންމެ ގިނައީ ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ މޮރިޓޭނިޔާގަ އެވެ. އިންޑިޔާގައި 14 މިލިޔަން މީހުން އިންސާނުންގެ އަޅުންގެ ގޮތުގައި ދިރިއުޅެމުންދާ އިރު މޮރިޓޭނިޔާގައި އެގައުމުގެ އާބާދީގެ ހަތަރު ޕަސެންޓް މީހުން އަޅުންގެ ގޮތުގައި އުޅެންޖެހިފައިވެ އެވެ.
މީގެ އިތުރުން އަޅުންގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް މީހުން އުޅެންޖެހިފައި ވަނީ ޗައިނާއާއި ޕާކިސްތާނާއި އުޒްބަކިސްތާނުގައި ކަމަށާ ޗައިނާގެ އާބާދީގެ ތެރެއިން ތިން މިލިޔަން މީހުން އަޅުންގެ ގޮތުގައި އުޅެންޖެހިފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަޅުވެތިކަމުގައި ދުނިޔޭގައި 36 މިލިޔަން މީހުން ދިރިއުޅޭ އިރު އަޅުވެތިވުމުގެ ވަގުތީ ހާލަތްތައް 2012 ވަނަ އަހަރު ދުނިޔޭގެ އެކި ގައުމުތަކުން 120 މިލިޔަން މީހުންނަށް ކުރިމަތިވެފައިވާ ކަމަށް ވެސް މިރިޕޯޓް ބުނެ އެވެ.
އަޅުންގެ ގޮތުގައި ދިރިއުޅޭ މީހުން ތަހައްމަލްކުރަމުންގެންދާ އަނިޔާތަކުގެ ތެރޭގައި މަޖްބޫރު ހާލަތުގައި ބުރަ މަސައްކަތް ކުރަންޖެހުމާއި ނުރުހުމުގައި ގަދަބާރުން ކައިވެނި ކޮށްގެން އުޅެންޖެހުމާއި ޖިންސީ އަޅުވެތިކަމުގެ ޝިކާރައަކަށްވުމާއި ޒާތީކަންކަމުގައި ވެސް އަމިއްލަ މިނިވަންކަންނެތި އުޅެންޖެހިފައިވުން ހިމެނެ އެވެ. އަޅުވެތިވުމުގެ މައްސަލަތައް ދުނިޔޭގެ 167 ގައުމެއްގެ ރައްޔިތުންނަށް ކުރިމަތިވަމުންދާކަމާއި މީގެ ތެރެއިން އަޅުވެތިވުމުގެ މައްސަލަތަކާއި ހާލަތްތައް އެންމެ ބޮޑަށް ކުރިމަތި ވަނީ އެފްރިކާ، އޭޝިޔާ އަދި ލެޓިން އެމެރިކާގެ ގައުމުތަކުގެ ރައްޔިތުންނާއި އެގައުމުތަކަށް ހިޖްރަކުރާ މީހުންނަށް ކަމަށާއި ނަމަވެސް ޔުނިޓެޑް ސްޓޭޓްސް އޮފް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ ރައްޔިތުންނަށާއި އެގައުމުތަކަށް ހިޖްރަކޮށްގެންއުޅޭ ބޭރު މީހުންނަށް ވެސް އަޅުވެތިވުމުގެ ހާލަތްތައް ކުރިމަތިވަމުންދާކަން މިރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
އަޅުވެތި ކަމުގެ އެންމެ ނުރައްކާތެރި ޙާލަތްކަމަށްވާ ފައިސާއާއި އެހެނިހެން ވަސީލަތްތަކުގެ އެހީގައި އިންސާނުން ގަނެވިއްކުމުގެ ވިޔަފާރިވެސް ބައެއް ގައުމުތަކުގައި މިހާރުވެސް ކުރިޔަށްދާ ކަމަށް "ވޯކްފްރީ" ޖަމްއިއްޔާއިން ނެރެފައިވާ ރިޕޯޓް ބުނެ އެވެ. (ރޮއިޓާސް)