18 Nov 2014, 09:21
ޒުވާނުންނަކީ މައިންބަފައިންނަށް ބަރޯސާވެގެން، އަތްއުރާލައިގެން، މާދަމާގެ އިންތިޒާރުގައި ތިބެވޭނެ ބައެއް ނޫން ކަމަށް ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.
ރޭ ދަރުބާރުގޭގައި އޮތް ޒުވާނުންގެ ގައުމީ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މަލީހް ވިދާޅުވީ ގައުމުގައި ހިނގާ އެކިއެކި ހާދިސާތަކާއި ދިމާވާ އެކިއެކި މައްސަލަތަކާ ގުޅޭ ގޮތުން ޝާއިއު ކުރެވޭ ހަބަރުތަކަށް ހަމައެކަނި ކޮމެންޓް ކޮށްލަ ކޮއްލައި ޒުވާނުން ތިބެގެން ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން އެންމެންވެސް ޒުވާނުންނޭ، ނުވަތަ ޒުވާނެކޭ ބުނުމުން މި ލަފްޒު މި ގުޅުވާލަނީ މުސްތަގުބަލާ. ޒުވާނުންނަށް އަދި ވަގުތު އެބައޮތޭ ވިދާޅުވެ، އެމީހުނަށް ދޭން ޖެހޭ އަހަންމިޔަތު ނުދެވޭކަން ތިއިން ކޮންމެ ބޭފުޅަކު ވެސް ގަބޫލް ކުރައްވާނެ. ހަގީގަތުގައި، އަޅުގަނޑުމެންގެ ޒުވާން ޖީލު އެމީހުންގެ މިއަދު ހޭދަކޮށްލަނީ މި ވިސްނުމުގައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު އެ މިނިސްޓްރީ އިން ކުރިއަށް ގެންދާ މަސައްކަތްތަކަކީ މުޖުތަމައުގައި ޒުވާނުންގެ ޖޯޝާއި ފޯރި އަށަގަންނަވަން ކުރާ މަސައްކަތްތަކެއް ކަމަށާއި އެ މިނިސްޓްރީގެ އަމާޒަކީ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުން ކަމަށެވެ.
އަދި މީގެ އިތުރުން ދުވަހެއް ދުވަހަކަށް ރާއްޖޭގެ ޒުވާނުންގެ އާބާދީ އިތުރުވަމުން އަންނަ އިރު، ރާއްޖޭގެ ކޮންމެ ޒުވާނަކު ވެސް ހަރުދަނާ މީހަކަށް ވާން މަސައްކަތް ކުރުމަށް މިނިސްޓަރު ގޮވާލެއްވި އެވެ.