ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް)ގެ ރައީސްގެ މަގާމުގައި ހުންނެވި އާތިފް އަބްދުލް ހަކީމް، ދެވަނަ ދައުރަކަށް އެމަގާމަށް އިންތިހާބުކޮށްފި އެވެ.

ޓޭމްގެ ހިންގާ ކޮމިޓީ އިންތިހާބުކުރުމަށް މިރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި އެ ޖަމިއްޔާގެ އާންމު ބައްދަލުވުމުގައި އާތިފް ދެވަނަ ދައުރަކަށް އެ ޖަމިއްޔާގެ ރައީސް ކަމަށް އިންތިހާބުވީ، އެމަގާމަށް އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވުމުން ނެވެ. އެހެންނަމަވެސް ޓޭމްގެ ގަވާއިދު ބުނާ ގޮތުން އެހެން ބޭފުޅަކު ކުރިމަތިލާފައި ނުވި ނަމަވެސް މެމްބަރުންގެ ހިޔާލު ހޯދަންޖެހެ އެވެ. އެހެންކަމުން އާތިފް ވަނީ ޓޭމްގެ އާންމު މެމްބަރުންގެ އިއްތިފާގުން އެމަގާމަށް އިންތިހާބުވެފައެވެ.

ޓޭމްގެ ހިންގާ ކޮމިޓީއަށް މެމްބަރަކު އިންތިހާބުކުރުމަށް ޓީޗަރަކު ވޯޓް ލަނީ--- ސަން ފޮޓޯ: އާދަމް ނަޒީރު

ރައީސްގެ މަގާމުގެ އިތުރުން ޓޭމްގެ ސެކެޓްރީ ޖެނެރެލް ކަމުގެ މަގާމަށް އަހުމަދު ނާޒިމް އިންތިހާބުކޮށްފައިވާ އިރު ފައިނޭންޝަލް ކޮންޓްރޯލާގެ މަގާމަށް އިންތިހާބުވީ ހަސަން އަތީފު އެވެ. މި ދެ މަގާމަށް ވެސް ކުރިމަތިލެއްވީ ހަމައެކަނި މިދެބޭފުޅުން ނެވެ. މިދެބޭފުޅުންވެސް ވަނީ އާންމު މެމްބަރުންގެ އިއްތިފާގުން އެމަގާުތަކަށް އިންތިހާބުވެފައެވެ.

މިރޭގެ ޖަލްސާގައި ޓޭމްގެ އެކަޑަމީގެ ނައިބު ރައީސްގެ މަގާމާއި ޕޮލިސީ ނައިބުގެ މަގާމަށް ބޭފުޅުން އިންތިހާބުކުރުމަށް ވެސް ވޯޓު ނެގިއެވެ.

އެކަޑަމީގެ ނައިބު ކަމަށް 60 ވޯޓު ހޯއްދަވައިގެން އިންތިހާބުވެވަޑައިގަތީ މުހައްމަދު އިހުސާން އެވެ. އޭނާއާ ވާދަކުރެއްވި މުހައްމަދު ވަހީދަށް ލިބިވަޑައިގަތީ 49 ވޯޓެވެ. ޕޮލިސީގެ ނައިބު ކަމަށް 62 ވޯޓު ހޯއްދަވައިގެން އަހުމަދު އަޒުމީލް އިންތިހާބުވެވަޑައިގަތް އިރު މިމަގާމަށް އޭނާއާ ވާދަކުރެއްވި އަބްދުﷲ ރާޒީއަށް ލިބިވަޑައިގަތީ 42 ވޯޓެވެ.

ޓޭމްއިން މިރޭ ބޭއްވި އިންތިހާބުގައި އެ ޖަމިއްޔާގެ 109 މެންބަރަކު ވޯޓު ދީފައިވެ އެވެ.