ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް)އިން ބޭނުންވާ ކަންތައް ކުރުމަށް އޮތް ހުރަހަކީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ކަމަށާއި އެކަމަނާ ނެތް ނަމަ ހުރަހެއް ނެތް ކަމަށް އެ އެޖަމިއްޔާގެ ރައީސް އާތިފް އަބްދުލް ހަކީމް މިރޭ ވިދާޅުވެއްޖެ އެވެ.

ޓޭމްގެ ފަރާތުން މިރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި އާންމު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އާތިފް ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓަރު ހުރަހަކަށް ވާކަމުގެ ހެއްކަކީ އިމާދުއްދީން ސްކޫލުގައި ޓޭމްގެ ފަރާތުން ބޭއްވި ބައްދަލުވުން ބާއްވަން އެޑިއުކޭޝަން މިނިސްޓްރީގައިވެސް އަދި އެހެން ފަރާތެއްގައި ވެސް ހުއްދައެއް ހޯދައިފައި ނުވާނެ ކަމަށެވެ.
އޭރު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެކަންކަން ކުރެވުނު ކަމަށާއި އެހެން ނަމަވެސް މިހާރު އެކަންކަން ކުރިއަށް ނުދާ ކަން ހިތާމައާ އެކު ފާހަގަކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި މަޝްވަރާ އަކީ އޭގެ އެންމެ ރަނގަޅު ގޮތް. އެހެންނަމަވެސް އަޅުގަނޑު ގަބޫލު ކުރަނީ މަޝްވަރާގެ މޭޒު ދޮށަށް ގޮސް މަޝްވަރާ ކުރެވުނު ކަންތައްތައް އެޑިއުކޭޝަން މިނިސްޓްރީން ހަނދުމަފުޅު ނެތިއްޖެޔޭ. އޭގެ ހެއްކަކީ ކުރިން ރޭ އަޅުގަނޑުމެންގެ ޓޭމްގެ އިންތިހާބު ބާއްވަން އިމާދުއްދީން ސުކޫލުގެ ހޯލު އެޑިއުކޭޝަން މިނިސްޓްރީން ހިފެހެއްޓެވި ހިފެހެއްޓެވުން،" އާތިފް ވިދާޅުވި އެވެ.

ޓޭމްގެ ފަރާތުން ރޭ ބޭއްވި އާންމު ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ: އާދަމް ނަޒީރު

މިރޭގެ ބައްދަލުވުމުގައި އާތިފް ވަނީ އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓުގައި ޓީޗަރުންގެ މުސާރަ ބޮޑުކޮށްފައި ނުވާތީ އެކަން އެގޮތަށް ނުވީ ކީއްވެގެން ކަމަށް ސުވާލު އުފައްދަވައިފައި އެވެ.

އާތިފް ވިދާޅުވީ، މިނިސްޓްރީ ތަކުގެ ބަޖެޓާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި ވާހަކަދެއްކެވި އިރު އެޑިއުކޭޝަން މިނިސްޓަރު ފިއްލަވާވަޑައިގަތީ ކަމަށެވެ.

"ބައްލަވާ އެކަމަނާ ފިއްލަވާވަޑައިގަތީ. ރާއްޖެ އަކުވެސް ނެތް. ބަޖެޓަށް ހުރިހާ ވުޒާރާތަކެއްގެ އިސްވެރިން ވާހަކަދެއްކެވިއިރު އެކަމަނާ [އެޑިއުކޭޝަން މިނިސްޓަރު] ފުރާވަޑައިގެންފި. އަޅުގަނޑަކަށް ނޭނގެ އެކަމަނާ ގާތު މީހަކު ނުވަތަ ބަޔަކު ބުނެގެން ފިއްލެވީ ކަމެއް ނޫނީ އެކަމަނާ އަމިއްލަފުޅަށް އަވަހަށް ބަޖެޓަށް އަދަދެއް ޖަހަންޖެހިދާނެތީ ފިއްލެވީ ކަމެއް،" އާތިފް ވިދާޅުވި އެވެ.

އާތިފް ވިދާޅުވީ، ޖެނުއަރީ މަސް ފެށެން ވާއިރަށް ޓީޗަރުންނަށް ރަނގަޅު ގޮތެއް ހައްދަވައި ނުދެއްވައިފި ނަމަ، ރައީސް ޔާމީން ޓީޗަރުން މަގުމަތި ކުރައްވައިފި ކަން ގަބޫލުފުޅުކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީން ޓީޗަރުން މަގުމަތި ކުރައްވާފާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓީޗަރުންގެ ޖަމިއްޔާއިން މިގޮތަށް ކަންބޮޑުވުން ފާޅުކުރި ނަވަމެސް، އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ފައިސާ ހިމަނާފައި ނުވާނެކަމަށް ބަޖެޓު ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެފައިވެ އެވެ.