މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ފަދަ އެތައް 'ދަނގަޑޭ'އެއް މި ރާއްޖޭގައި އުފެއްދުން ކަމަށް ޔޫތު މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަލީހް މިހެން ވިދާޅުވީ، މިރޭ ބޭއްވި ޒުވާނުންގެ ގައުމީ އިނާމް ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓްރީގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރާ ކުޅިވަރު ކުޅުމުގެ ވަސީލަތްތަކާއި، ޒުވާނުންގެ ތަރައްގީއަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލި އަޅުވާލަމުންނެވެ.

ޒުވާނުންގެ ގައުމީ އިނާމު ދިނުމަށް ރޭ ބޭއްވި ޖަލްސާގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

މިނިސްޓަރު ވިދާޅުވީ، ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމް ކުރެވިގެންދާ ޒުވާނުންގެ މަރުކަޒުތަކުގެ އިތުރުން، މިއަހަރުތެރޭ ހިންގިފައިވާ އެކިއެކި ކުޅިވަރު ޕްރޮޖެކްޓްތަކަކީ އެ މިނިސްޓްރީން ޒުވާނުންނަށް ދޭ އަހައްމިއްޔަތު ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށެވެ.

"މި މިނިސްޓްރީގެ އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޒުވާނުންނަށް ހަމަހަމަކަމާއެކު ވަސީލަތްތައް ގާއިމްކުރުން. ކުޅިވަރުކުޅޭ މިފަދަ އެތައް ވަސީލަތްތަކެއް ގާއިމް ކުރެވިގެން ދާއިރު، އަޅުގަނޑުމެންގެ އަމާޒަކީ އެތަންތަނަށް ބޭނުންވާ ދިވެހި ކޯޗުންނާއި ޓްރެއިނަރުން ތަމްރީނުކޮށް، ކުޅިވަރުގެ ވަސީލަތްތަކުގެ ބޭނުންހިފާ ޒުވާނުންގެ އަހްލާގު ހިފަހައްޓައި، މުސްތަގުބަލުގައި އެކިއެކި ކުޅިވަރުތަކުން އަލީ އަޝްފާގް ފަދަ އެތައް ދަގަނޑޭއެއް އުފެދިގެން ދާނެ މަގު ތަނަވަސް ކޮށްދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.

ގައުމުގެ ހާލަތު ދެނެގަނެ، ގައުމީ މަސްލަހަތައްޓަކައި މަސައްކަތް ކުރަން ޒުވާނުންނަށް މިނިސްޓަރު ގޮވާލެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ޔޫތު މިނިސްޓްރީގެ އަމާޒަކީ މިއަދުގެ ޒުވާން ޖީލަކީ ޒިންމާދާރު ބައެއްކަމުގައި ހެދުން ކަމަށާއި، ޒުވާނުން ދެ އަތް އުރާލައިގެން، މައިންބަފައިންނަށް ބަރޯސާވެގެން ތިބެވެން ނެތްވެ ކަމަށެވެ.