18 Nov 2014, 00:41
މުޅި ދުނިޔެއަށް ބަލާއިރު ޒުވާނުންގެ ކަންތައް އޮތީ ހިތާމަކުރަންޖެހޭ ހާލަތެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެއްވެސް ވަޒީފާއެއް ނެތި 75 މިލިއަން ޒުވާނުން ދުނިޔޭގައި އެބައުޅޭ ކަމަށެވެ.

ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ
ވަޒީފާއެއް ނެތި ގިނަ ޒުވާނުން ދުނިޔޭގެ އެކި ތަންތަނުގައި އުޅުނުނަމަވެސް ވަޒީފާއެއް ބޭނުންވެފައި ހުރި ޒުވާނަކަށް ރާއްޖޭގައި ވަޒީފާ ކަށަވަރު ކުރެވޭނެ ކަމަށާއި ވަޒީފާގައި ދެމިތިބުމުގެ ހިތްވަރު ޒުވާނުންގެ ކިބައިގައި ހުންނަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ވަޒީފާ ބޭނުންވެފައި ހުރި ޒުވާނަކަށް މިހާރުން މިހާރަށް ވަޒީފާ އެބަ ކަށަވަރުވޭ. އެކަމަކު ވަޒީފާގައި ދެމިތިބުމުގެ ހިތްވަރު ޒުވާނުންގެ އެބަ ހުންނަންޖެހޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ގައުމިއްޔަތެއް ދެމެހެއްޓުމަށާއި ގައުމެއް ބިނާކުރުމަށްޓަކައި ބޭނުންވާ ތަޅުދަނޑިއަކީ ޒުވާނުން ކަމަށާއި މި ސަރުކާރުގެ ސިޔާސަތު މިއޮތީ ޒުވާނުންނާއި ގުޅިލާމެހިފައި ކަމަށެވެ.

ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ
ފަސް އަހަރުގެ ތެރޭގައި 94،000 ވަޒީފާ އުފެއްދުމަށްޓަކައި ސަރުކާރުން ވެފައިވާ ވައުދު ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ހުރިހާ ގާނޫނުތަކާއި އެހެނިހެން އިންތިޒާމްތައް ހަމަޖެއްސޭތޯ ސަރުކާރުން ބަލަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ވަޒީފާއަށް ބޭނުންވެފައި ހުރި ޚާއްސަ އެހީއަށް ބޭނުންވާ މީހަކަށް ވަޒީފާގެ ފުރުސަތު މި ސަރުކާރުން އޮތީ ކަށަވަރުކޮށްދީފައި ކަމަށެވެ.
"ވަޒީފާއަށް ނުކުންނަން ބޭނުންވެފައި ހުރި ޚާއްސަ އެހީއަށް ބޭނުންވާ ނޫނިއްޔާ ނުކުޅެދުންތެރިކަމުގައި އެ ތަކުލީފް އުފުލާ މީހަކަށް ވަންޏާ ވަޒީފާގެ ފުރުސަތު މި ސަރުކާރުން މިހާރު އޮތީ ކަށަވަރުކޮށްދީފައި. އެހެންވީމަ ނުކުޅެދުންތެރިން ވެސް ވަޒީފާއަށް ނުކުންނަން ވެގެން ވަޒީފާ ބޭނުންވަންޏާ އިރާދަކުރެއްވިއްޔާ މި ސަރުކާރުގެ ތެރޭގައި ވަޒީފާ ހަމަޖެހޭނެ،" ރައީސް ވިދާޅުވި އެވެ.