18 Nov 2014, 00:37
ރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ މިއަހަރުގެ ޒުވާނުންގެ ދުވަހާ ގުޅުވައިގެން މިރޭ ދަރުބާރުގޭގައި ބޭއްވި ޒުވާނުންގެ ދުވަހުގެ ހާއްސަ ޖަލްސާގައި 2013 ވަނަ އަހަރާއި 2014 ވަނަ އަހަރު ގައުމީ ފެންވަރެއްގައި މުޖުތަމައުއަށް ހިދުމަތް ކޮށްދީފައިވާ 16 ފަރާތަކަށް ޒުވާނުންގެ ގައުމީ އިނާމް ދެއްވައފި އެވެ.
ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައި މިރޭ 9:00ގައި ފެށިގެންދިޔަ މި ޖަލްސާގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން، ރައްޔިތުންގެ މަޖުލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު، އަދި ރައްޔިތުންގެ މަޖުލީހުގެ މެމްބަރުންނާއި ސަރުކާރުގެ އިސް ވަޒީރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް ޔާމީނުގެ އަތްޕުޅުން މިރޭ ޒުވާނުންގެ ގައުމީ އިނާމު ހަވާލުކޮށްދެއްވި 16 ފަރާތުގެ ތެރެއިން އަދަބީ ރޮނގުން 2013 ވަނަ އަހަރުގެ ޒުވާނުންގެ ގައުމީ އިނާމް ހާސިލް ކޮށްފައި ވަނީ ބ. ތުޅާދޫ، މަންޒިލް، އަންވަރު އިބްރާހިމް އެވެ. ޒުވާނުން ހޭލުންތެރި ކުރުމާއި ބިނާކުރުމުގެ ދާއިރާއިން 2013ގެ ގައުމީ އިނާމް ހާސިލް ކޮށްފައި ވަނީ ކ. މާލެ، މ. ޗާލޮޓް، އައިމިނަތު އިސްމާއީލް އެވެ.
ނޫސްވެރިކަމުގެ ދާއިރާއިން 2013ގެ ގައުމީ އިނާމް ގދ. ގައްދޫ، އަތިރީގެ، އަބްދުﷲ އަޒްމީން ހާސިލްކޮށްފައި ވާއިރު، ޖަމާއަތަށް ފައިދާ ކުރަނިވި މަސައްކަތް ކުރުމުގެ ދާއިރާއިން އެ އަހަރުގެ ގައުމީ އިނާމް ހާސިލް ކޮށްފައި ވަނީ ކ. މާލެ، ވ. ރެޑިއަމްވޭވްސް، އައިޝަތު އަފްރާ މުހައްމަދު އެވެ. އިވެންޓް މެނޭޖްމެންޓްގެ ދާއިރާއިން 2013 ވަނަ އަހަރުގެ ގައުމީ އިނާމް ކ. މާލެ، ވ. މާލެއުފާ، އިސްމާއިލް ހަމީދް ހާސިލް ކޮށްފައި ވާއިރު، ހިލޭ ސާބަހަށް މަސައްކަތް ކޮށްދިނުމުގެ ދާއިރާއިން ގައުމީ އިނާމް ހާސިލް ކޮށްފައި ވަނީ ކ. މާލެ، ހ. ވެހެލި، މަރިޔަމް މިރުފަތު އެވެ.
ފެހުން، ފަރުމާ ކުރުން އަދި ކޮރިއޮގްރަފީގެ ދާއިރާއިން 2013ގެ ގައުމީ އިނާމް ހާސިލް ކޮށްފައި ވަނީ ގދ. ތިނަދޫ، ހިންދޫސް، ޖާދުﷲ އިސްމައިލް އެވެ. އަދި އިޖުތިމާއީ މަސައްކަތް ކުރުމުގެ ދާއިރާއިން ކ. މާލެ، މއ. ޝޭޑީކެބިން، މުހައްމަދު ފަސީން ރާފިއު ގައުމީ އިނާމް ހާސިލް ކޮށްފައި ވާއިރު، ބާސްކެޓް ކޯޗިންގް އަދި ކުޅިވަރުގެ ދާއިރާއިން ގައުމީ އިނާމް ހާސިލް ކޮށްފައި ވަނީ މާލެހިޔާ، 2 01 15، މުހައްމަދު ހާޝިމް އެވެ.
މީގެ އިތުރުން 2013 ގެ ގައުމީ އިނާމް ދެ ޖަމިއްޔާއަކުންވެސް ހާސިލް ކޮށްފައި ވެއެވެ. އެގޮތުން ރ. އުނގޫފާރު، ޖަމިއްޔަތުއް ސައިފް ގައުމީ އިނާމް ހާސިލް ކޮށްފައި ވާއިރު، މަސްތުވާ ތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމުގެ ދާއިރާއިން ޖާނީ ޖަމިއްޔާވެސް ވަނީ ގައުމީ އިނާމް ހާސިލް ކޮށްފައެވެ.
ދިގު މުއްދަތަކަށް ކުޅިވަރަށް ހިދުމަތް ކޮށްދިނުމުގެ ރޮނގުން 2014ގެ ގައުމީ އިނާމް ހާސިލް ކޮށްފައި ވަނީ ގދ. ވާދޫ، ޖޭމުގެ، އަލީ އަބްދުލް ކަރީމް އެވެ. އަދި ލިޔުންތެރިކަމުގެ ދާއިރާއިން ޔަޝްފާ އަބްދުލް ޣަނީ ގައުމީ އިނާމް ހާސިލްކޮށްފައި ވާއިރު، އެތުލެޓިކްސް ގެ ދާއިރާއިން ގައުމީ އިނާމް ހާސިލް ކޮށްފައި ވަނީ ކ. ގާފަރު، ނިޔަމި، ހަސަން ސާއިދު އެވެ.
މި އަހަރުގެ ގައުމީ އިނާމްވެސް ދެ ޖަމިއްޔާއަކުން ހާސިލް ކޮށްފައި ވާއިރު، ޖަމާއަތަށް ފައިދާ ކުރަނިވި މަސައްކަތް ކުރުމުގެ އިނާމް ހާސިލްކޮށްފައި ވަނީ ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) ގެ ފަރާތުންނެވެ. އަދި ރަށުގެ ތަރައްގީއަށް މަސައްކަތް ކުރުމުގެ ދާއިރާއިން ގައުމީ އިނާމް ހާސިލް ކޮށްފައި ވަނީ ރ. މީދޫ، އެކުވެރި ކްލަބެވެ.
މި އިނާމް ތަކުގެ އިތުރުން ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ރީތި ނަމެއް ހޯދަދިނިމުން މިނިސްޓަރު ދެއްވާ ހާއްސަ އިނާމް މައްޝޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ވަނީ ހާސިލްކޮށްފަ އެވެ.