ވޭތުވެދިޔަ 50 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ވެސް ދިވެހި ރައްޔިތުންނަށް ތަރައްގީގެ ގޮތުން ހައްގުވާ މިންވަރު ލިބިފައި ނުވާކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ގެސްޓް ހައުސް ވިޔަފާރި ބައްލަވައިލެއްވުމަށް ކ. މާފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ، ތަރައްގީގެ މަސައްކަތް ހިންގަނީ ރައްޔިތުންނަށްޓަކައި ކަމަށެވެ. ނަމަވެސް ދިވެހިންނަށް ރަނގަޅުގޮތް ދިވެހި ވެރިކަމުގެ ފަރާތުން ހޯދައިދެވިފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ދިވެހިންނަށް ރަނގަޅު ގޮތް، ދިވެހި ވެރިކަމުގެ ފަރާތުން ހޯދާދެވިފައިވާ މިންވަރު ދިވެހިންނަށް އޮޅިފައެއް ނުވާނެ. 1965 ވަނަ އަހަރާއި 2014 ވަނަ އަހަރާއި ދެމެދުގައި ދިވެހިނަށް ހައްގު މިންވަރު ލިބިފައިވޭތޯ މިއީ އުފެދޭ ސުވާލެއް. އަޅުނގަޑުމެންނަކަށް ހައްގު މިންވަރު ލިބިފައެއް ނުވޭ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ފަރާތުން ވެރިކަމަށް އައުމަށްފަހު ތަރައްގީގެ ހުރިހާ ނާރެހަކީ ދިވެހިން ކަމުގައި ހެދުމަށް މަސައްކަތް ކުރިކަމަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ތައާރަފްކުރި ގެސްޓް ހައުސްގެ ވިޔަފާރީގެ ސަަބަބުން ރައްޔިތުންނަށް ފައިދާ އާއި ތަރައްގީ ލިބިގެންދިޔަ ކަމަށެވެ. އަދި ގެސްޓް ހައުސް މޮޑެލްއަކީ ރާއްޖޭގެ ރައްޔިތުންނަށް ތަރައްގީ ހޯދައިދިނުމަށް ރާއްޖެއަށް އެންމެ އެކަށީގެންވާނެ މޮޑެލް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"ގެސްޓް ހައުސްގެ މޮޑެލްއަކީ ހަމައެކަނި އަޅުނގަޑުމެންނަކަށް ނޫން. ވޯލްޑް ބޭންކުން ބައިނަލްއަގްވާމީ މާލީ އިގްތިސާދީ އިޖްތިމާއީ އެތަށް ދާއިރާއަކުން މިދަނީ މި ރައްޔިތުން ހިމެނޭ ތަރައްގީ ތައާރަފްކުރަމުން،" ނަޝީދު ވިދާޅުވި އެވެ.

ޕީޕީއެމް ސަރުކާރުން ތައާރަފްކުރަން ނިންމާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)އަށް ވެސް ރައީސް ނަޝިދު ފާޑު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރަށްތައް ތަރައްގީ ކުރަން ބޭނުންނަމަ ތަރައްގީގެ ވިސްނުން ރައްޔިތު މީހާއާ ގުޅެންޖެހޭ ކަމަށެވެ. އަދި އެކަންކުރެއްވުމަށް ރަށު ކައުންސިލްތަކަށް ބާރުދިނުމަށް އެމަނިކުފާނު ގޮވައިލެއްވި އެވެ.

"މާފުށި ފަދައިން ރާއްޖޭގެ އެހެންރަށްތައް ތަރައްގީ ވުމަށް ސަރުކާރުން ކޮށްދެއްވަންވީ އެންމެ ކަމެއް. އަޅާނުލެއްވުން. ކައުންސިލްތަކަށް ބާރުދެއްވުމަށްފަހުގައި ސަރުކާރުން މިކަންކަމާ ނޫޅުއްވުން ...ކޮށްދެއްވާންވީ އެންމެ ކަމެއް. ކައުންސިލްތަކަށް ބާރުދެއްވަންވީ. ކައުންސިލުން އާމްދަނީ ހޯދާނެ. ކައުންސިލުން ތަރައްގީ ހޯދާނެ،" ނަޝީދު ވިދާޅުވި އެވެ.