29 Jan 2011, 09:15
މިހާރު ކުރިއަށްދާ 6 ވަނަ ދިރާގު ޤައުމީ ބާސްކެޓްބޯޅަ ލީގުގައި ކުޅުނު ތިން ވަނަ މެޗުންވެސް ޓީރެކްސް ބާސްކެޓްބޯޅަ ކްލަބް މޮޅުވެއްޖެ އެވެ. މި ކާމިޔާބާއެކު ފުރަތަމަ ބުރުން އެޓީމަށް ވަނީ 1 ވަނަ މަގާމުވެސް ކަށަވަރުވެފައެވެ.
ބުރާސްފަތި ދުވަހުގެރޭ ކުޅެވުނު މެޗުގައި ޓީރެކްސް މޮޅުވީ ދިވެހި ސިފައިންގެ ކްލަބާއި ވާދަކޮށް 73-61 ޕޮއިިންޓުންނެވެ. މިމެޗުގައި ޓީރެކްސް ޓީމުން އެންމެ ތަފާތު ކުޅުމެއް ފެނުނީ ބިދޭސީ ކުޅުންތެރިޔާ މާލިކުގެ ފަރާތުންނެވެ. އޭނާ ވަނީ ބަޔަށް24 ޕޮއިންޓް ހޯދައިދީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.
ދެ ބުރަކަށް ބަހާލައިގެން ހަތަރު ޓީމުގެ މެދުގައި ކުޅެވެމުންދާ މުބާރާތުގެ ދެވަނަ ބުރުގެ ކުޅުން މިރޭ ފަށާނެ އެވެ. ފުރަތަމަ މެޗުގައި ކުޅޭނީ ޓީރެކްސް އާއި ހަރިކޭނެވެ. ހަރިކޭނަކީ ޓީރެކްސްގެ ފަހަތުން އެންމެ ބޮޑަށް ވާދަ ކުރަމުންދާ ޓީމެވެ. ފުރަތަމަ ބުރުގައި އެޓީމު ބަލިވީވެސް ޓީރެކްސް އަތުން އެކަންޏެވެ. ނަމަވެސް މިރޭ ބަލިވެއްޖެނަމަ ލީގު ޗެމްޕިއަންކަމުގެ ފުރުސަތު ހަރިކޭނަށް ގާތްގަޑަކަށް ބަންދުވާނެ އެވެ.
މިރޭގެ މެޗުވެސް ފަށާނީ 8:30 ގައެވެ.