ރާއްޖެ ބަދުނާމު ވާނީ މީހަކު ދައްކާ ވާހަކައަކުން ނޫން ކަމަށާއި، ބަދުނާމުވާނީ އެފަދަ އަމަލުތައް ހިންގުމުން ކަމަށް ކުރީގެ ރައީސް އަދި ސަރުކާރާ އިދިކޮޅު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އަގު ވައްޓާލުމަށްޓަައި ރައީސް ނަޝީދު މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރަމުން ގެންދާ ދަނޑިވަޅެއްގައި ކ. މާފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ނަން ބަދުނާމުކުރާން އުޅުމަކުން އަދި އެކަމެއް ނުވާނެ ކަމަށެވެ.

"އަޅުނގަޑުމެން އެންމެންނަށް ވެސް އެނގެންވީ އެއްޗަކީ މީހަކު ދައްކާ ވާހަކައަކުން ކަމެއް ނުވާނެކަން. މީހަކު ކުރާ ކަމަކުންކަން ކަމެއްވާނީ. އަޅުނގަޑު ރާއްޖޭގެ ނަން ބަދުނާމު ކުރާން އުޅުމަކުން އެކަމެއް ނުވާނެ. އެވާހަކަ ދައްކައިގެން ބަދުނާމެއް ނުވާނެ. ބަދުނާމު ވާނީ ބަދުނާމު ކުރުމުގެ އަމަލު ހިންގީމަ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަށް ފަތުރުވެރިން އަންނަނީ މިގައުމުން ވިއްކާ އަމާންކަމާއި ހަމަޖެހުން ގަތުމަށްޓަކައި ކަމަށެވެ. ނަމަވެސް ރާއްޖޭގެ މަގުތަކުގެ އަމާންކަން ގެއްލި ސިއްރުގައާއި ފާޅުގައި ބޮޑެތި ޖަރީމާތަކާއި ކުށްތައް ހިންގަމުންދާއިރު، "އެ މުދާ" ގަންނަން ރާއްޖެ ނާންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ވަޅި ޖަހައިގެން ބައެއް މީހުން މަރުވެފައިވާއިރު، އެއިން އެއްވެސް ކަމެއް ނުހޯދޭ. ރާއްޖޭން މި ވިއްކަނީ ހަމަޖެހުން، ހިތްހަމަޖެހުން، އިތުބާރު، ޔަގީންކަން. އެ އެއްޗެއް ނުވިކޭނެ އެ ކުށްތައް ނުހޯދައެއް،" އެމްޑީޕީގެ ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ރައްޔިތުން ފާޅުގައި ޓެރަރިސްޓް ޖަމާއަތްތަކުގައި ހަނގުރާމަ ކުރަމުންދާ ކަމަށް އިޝާރާތްކުރައްވައި ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން ހަނގުރާމަ ކުރަމުންދާކަން ހުރިހާ ގައުމެއްގެ ނޫސްތަކެއްގައި ލިޔަމުންދާ ކަމަށެވެ. ނަމަވެސް އެކަމާ ސަރުކާރުން އަޅާނުލައްވާއިރު އެކަމުން ޓޫރިޒަމަށް އަސަރުކުރާނެ ކަމަށް ވިދާޅުވި އެވެ.

"ހަނގުރާމައަށްދާ ދިއުމެއް ނޫން އަޅުނގަޑުމެން ފާހަގަކުރާންޖެހެނީ. ދާއިރުގައި ސަރުކާރުން އެކަމާ ހަމަ އެއްވެސް ކަމެއް ނުކުރައްވާ. އެކަން ހުއްޓުވުމަށް ވެސް. އެމީހުންނަށް ހެޔޮލަފާ ނަސޭހަތް ހޯދައިދިނުމަށްކަށް ވެސް ...ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ގެއްލުމެއް ވާން އަޅުނގަޑުމެން މިދަނީ. މިކަންކަންމަކީ ނުވާ ކަންކަމެއްކަމަށް ބުނެ ރެކިވަޑައިގަންނަވާނަމަ އަޅުނގަޑުމެން މިދަނީ ބޮޑު އަދަވަޅަކަށް ވެއްޓެން،" ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.