ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ޝަރީފަށް އެޑިޔުކޭޝަން މިނިސްޓަރުގެ ނާއިބުކަން ދެއްވައިފި އެވެ.

ޝަރީފު ވަނީ އެކަން މިރޭ ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އޭނާ އެ މަގާމަށް ހަމަޖެއްސެވީ އިއްޔެ ކަމަށެވެ.

ނަމަވެސް އެޑިޔުކޭޝަން މިނިސްޓްރީ އިން ވެސް އަދި ރައީސް އޮފީހުން ޝަރީފަށް މަގާމު ދެއްވި ވާހަކަ އަދި އިއުލާން ކުރައްވައިފައެއްނުވެ އެވެ.

ޝަރީފަކީ ކުރިން ސްކޫލްތަކުގެ ޕްރިންސިޕަލްކަން ކުރެއްވުމުގެ އިތުރަށް އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް އަދާ ކުރައްވާފައިވާ ބޭފުޅެކެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި ޝަރީފު ބަލަަހައްޓަވާނީ ކޮން ދާއިރާއެއްތޯ ދެންނެވުމުން ޝަރީފު ވިދާޅުވީ އެކަން އެނގިވަޑައިގަންނަވާނީ މާދަމާ މިނިސްޓަރާ ބައްދަލު ކުރެއްވުމަށް ފަހު ކަމަށެވެ.