17 Nov 2014, 22:27
އަމިއްލަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އުފެއްދުމަށް ޝައުގުވެރިވާ ޒުވާނުންނަށް ހާއްސަކޮށްގެން ލޯނު ސްކީމެއް ތައާރަފުކުރައްވައިފި އެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި އެ ސްކީމް ތައާރަފްކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެވެ.
ސަރުކާރުގެ ޒުވާނުންގެ މެނިފެސްޓޯގައި ޚާއްސަ އިސްކަމެއްދީފައިވާއި "ޒުވާން ވިޔަފާރިވެރިޔާ" ޕްރޮގްރާމާ ގުޅޭ މައުލޫމާތުތައް ހިއްސާ ކުރުމަށްޓަކައި 'ގެޓްސެޓް'ގެ ނަމުގައި ހާއްސަ ވެބްސައިޓެއް ވެސް ރައީސް މިރޭ އިފްތިތާހުކޮށްދެއްވި އެވެ.
ރައީސް މިރޭ ތައާރަފްކޮށްދެއްވި ސްކީމްގެ ދަށުން 300000 ރުފިޔާއާއި 800،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ލޯނު ދޫކުރާނެ އެވެ. އަދި މި ލޯނަށް އެދުމުގެ ހަމައެކަނި ޝަރުތަކީ ވިޔަފާރިއެއް ފަށާނެ ރަނގަޅު ޚިޔާލެއް ހުށަހެޅުމެވެ. އެގޮތުން ހިޔާލު ހުށަހަޅަން ވާނީ، މަދުވެގެން ދެ ޒުވާނުން ގުޅިގެންނެވެ. އެންމެ ބޮޑުވެގެން ލޯނުގެ އިންޓްރެސްޓް ރޭޓް އަރާނީ އަށް ޕަސެންޓަށެވެ.
މި ސްކީމްގެ ދަށުން ލޯނަށް އެދޭ ފޯމު ދޫކުރުމަށް ހަމަޖެހިފައި ވަނީ، އަންނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފޯމު، ޔޫތު މިނިސްޓްރީންނާއި ރަށު ކައުންސިލް އިދާރާތަކުންނާއި، ރަށްރަށުގެ ޒުވާނުންގެ މަރުކަޒުތަކުންނެވެ.
ރައީސް ޔާމީން މިރޭ ތައާރަފްކޮށްދެއްވި ޒުވާން ވިޔަފާރިވެރީންނަަށް ލޯނުދޫކުރާ ސްކީމަކީ ޔޫތު މިނިސްޓްރީން ސްޕޮންސާ ކޮށްފައިވާ، އަލަށް ވިޔަފާރި ފަށަން ގަސްތުކުރާ ޒުވާން ވިޔަފާރިވެރީންނަށް ލޯނު ދޫކުރާ ލޯނު ސްކީމެކެވެ.
ލޯނު ލިބޭ ފަރާތްތަކުން ލޯނު އަނބުރާ ދައްކަން ފަށަން ޖެހޭ ތާރީޚަކާއި، ދައްކަން ޖެހޭ އިންޓަރެސްޓް ރޭޓެއް ކަނޑައަޅާނީ ވިޔަފާރީގެ ބާވަތާއި، ބޮޑު ކުޑަމިނާއި، ލިބޭނެ ކަމަށް ލަފާ ކުރާ ފައިދާއަށް ބަލައި، ދެފަރާތް މަޝްވަރާ ކުރުމަށްފަހުގަ އެވެ.