މިއަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދެ ޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ޏ. ފުވައްމުލަކުގައި އަތޮޅު ފެންވަރުގެ ވޮލީބޯޅަ މުބާރާތެއް ފަށައިފި އެވެ.

'ޔޫތު ކަޕް 2014' ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތް އިންތިޒާމް ކޮށްފައި ވަނީ ފުވައްމުލަކު އަތޮޅު ކައުންސިލް އާއި އެރަށުގެ ޒުވާނުންގެ މަރުކަޒުގެ ފަރާތުންނެވެ. މި މުބާރާތުގެ ކުޅުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މިމަހުގެ 16 އިން 30 ގެ ނިޔަލަށެވެ.

މި މުބާރާތުގައި ފުވައްމުލަކު ޒުވާނުންގެ ފިރެހެން ތިން ޓީމަކާއި އަންހެން އަށް ޓީމެއް ބައިވެރިވެފައި ވެއެވެ. އެގޮތުން މުބާރާތުގައި ބައިވެރިވެފައި ވާ އަންހެން ޓީމް ތަކުގެ މެޗުތައް ރޭ ފެށިފައި ވާއިރު، ފިރިހެން ޓީމްތަކުގެ މެދުގައި ކުޅޭ މެޗުތައް ފަށަން ހަމަޖެހިފައި ވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.

މި މުބާރަތުގައި ބައިވެރިވެފައިވާ އަންހެން ޓީމްތަކަކީ ސީ ކްއީން، މިފިއާ، މާލެގަން ޔޫތު ފައުންޑޭޝަން، ދަނޑިމަގު ރަނިން، ފުވައްމުލަކު ސްޕޯޓްސް ކްލަބް (އެފްއެސްސީ)، ފްރެންޑްސް ކްލަބް ފުނާޑް (އެފްސީއެފް)، ޗެލެންޖާސް އަދި ދިގުވާންޑް ޔޫތު ކްލަބެވެ.

މުބާރަތުގެ އަންހެން ޓީމްތަކުގެ މެދުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައި ވަނީ ސީ ކުއީން އާއި މާލެގަން ޔޫތު ފައުންޑޭޝަނެވެ. މި މެޗު ސީ ކުއީން ކާމިޔާބު ކޮށްފައި ވާއިރު، މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އެ ޓީމްގެ އައިމިނަތު އަޒީމާ އެވެ.