ތައިލޭންޑްގެ ޕުކެޓްގައި މިހާރު ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސް 2014ގައި، ވާދަކުރާ ރާއްޖޭގެ ޓީމަކުން ހޯދި ފުރަތަމަ ކާމިޔާބީ، ބީޗް ވޮލީ ޓީމުން ހޯދައިފި އެވެ.

މުބާރާތުގެ ބީޗް ވޮލީ އިވެންޓުގައި މިއަދު ރާއްޖެއިން ދެ މެޗެއް ކުޅެފައި ވާއިރު، ކުޅުނު ފުރަތަމަ މެޗުގައި ރާއްޖޭގެ އަނިލް އާއި ޝިއުޒާންގެ ޕެއާ ބައްދަލުކޮށްފައި ވަނީ ތުރުކެމެނިސްތާނުގެ ދެ ކުޅުންތެރިންނާ އެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓުން ދެ ޓީމް އެއްވަރުވުމުން، ކުޅުނު ތިންވަނަ ސެޓު ރާއްޖެ ކާމިޔާބު ކޮށްފައި ވަނީ 9-15 ގެ ނަތީޖާއަކުންނެވެ.

މި އިވެންޓުގައި މިއަދު ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ރާއްޖޭގެ ޝިއުޒާން އާއި އަނިލް ބައްދަލުކޮށްފައި ވަނީ ހޮންކޮންގްގެ ދެ ކުޅުންތެރިންނާ އެވެ. މި މެޗު ހޮންކޮންގުން ކާމިޔާބު ކޮށްފައި ވަނީ ސިދާ ދެ ސެޓު ކާމިޔާބު ކޮށްގެނެވެ.

އޭޝިއަން ބީޗް ގޭމްސް 2014ގެ ބީޗް ވޮލީބޯޅަ އިވެންޓުގައި ރާއްޖެ ވަނީ އިއްޔެވެސް ދެމެޗު ކުޅެފައެވެ. ފިލިޕީންސް އާއި އިންޑޮނޭޝިއާ އާ ދެކޮޅަށް ރާއްޖެ ކުޅުން މި ދެ މެޗުންވެސް ރާއްޖެ ވަނީ ބަލިވެފައެވެ.

މި މުބާރާތުގައި ރާއްޖޭގެ ބީޗް ބާސްކެޓް ޓީމުންވެސް އަދި މިހާތަނަށް ވަނީ ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިފައެވެ. މުބާރާތުގެ ފަސް އިވެންޓެއްގައި ރާއްޖޭން ބައިވެރިވެފައި ވާއިރު، އަދި މިހާތަނަށް ރާއްޖެ ވާދަ ނުކޮށް އޮތް ހަމައެކަނި އިވެންޓަކީ މި މަހުގެ 21 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ ބޮޑީ ބިލްޑިންގް އިވެންޓެވެ.