17 Nov 2014, 21:49
ރާއްޖޭގައި ޕްރީ ސްކޫލެއްގެ ދަރިވަރުންތަކެއް ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ ސެޓްފިކެޓަކާއެކު ދަސްވެނިވެއްޖެ އެވެ. ބައިނަލްއަގްވާމީ ސެޓްފިކެޓަކާއެކު ދަސްވެނިވެފައި ވަނީ އެކްސެލް އިންޓަނޭޝަނަލް ޕްރީސްކޫލްގެ ޔޫކޭޖީގައި މިއަހަރު ތައުލީމު ހާސިލްކުރި ދަރިވަރުންނެވެ.
އިސްލާމީ މަރުކަޒުގައި މިއަދު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ޝަރަފްވެރި ކޮށްދެއްވި އެ ހަފްލާގައި 37 ދަރިވަރަކު ދަސްވެނިވެފައިވެ އެވެ. ޔޫކޭޖީ ނިންމުމަށްފަހު ގްރޭޑް އެކަކަށް ދަތުރުކުރާ އެ ކުދިންނަށް ލިބެނީ އެމެރިކާގެ އިންޓަނޭޝަނަލް ޕްރީސްކޫލް ކަރިކިއުލަމް ސެޓްފިކެޓެކެވެ.
ސްކޫލަށް އެކި ގޮތްގޮތުން އެހީތެރިވެފައިވާ ބެލެނިވެރިންނަށްވެސް އެ ހަފްލާގައި ވަނީ ސެޓްފިކެޓް ދީފައެވެ. އެއީ އައިމިނަތު ޝިއުނާއާއި މުހައްމަދު ހަބީބާއި ހުސައިން ފަޒީލް އެވެ.
ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓާއި އިނާމް ހަވާލު ކޮށްދެއްވުމަށްފަހު މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވަނީ އެ ދރިވަރުންނާއެކު ގްރޫޕް ފޮޓޯއެއް ނަންގަވާފަ އެވެ.
ފަސްދޮޅަސް ދަރިވަރުންނާއެކު މިދިޔަ އަހަރު ހުޅުވި އެކްސެލް އިންޓަނޭޝަނަލް ޕްރީ ސްކޫލުގައި މިހާރު 400 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލް ކުރަމުން ދެއެވެ.