ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް ރާއްޖެއަށް އެތެރެ ކުރާ ކާޑުގެ ބާވަތްތަކާއި ތެލުގެ ބާވަތްތަކާއެކު 17 ބާވަތްތަކަކުން ޑިއުޓީ ބޮޑު ކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ކާޑުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ހަނޑުލާއި ހަކުރާއި ފުށުން މިހާރު ޑިއުޓީއެއް ނުނަގަ އެވެ. ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ޑީސަލާއި އޭވިއޭޝަން ފިއުލް އާއި ކައްކާ ގޭސް އާއި ކަރާސީނުގެ އިތުރުން ޕެޓްރޯލުން 10 ޕަސެންޓުގެ ޑިއުޓީއެއް ނެގި އެވެ. ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މަޖިލީހުން ފާސް ކުރި ގާނޫނެއްގެ ދަށުން ތެލުގެ ބާވަތްތަކުން ޑިއުޓީ ނެގުން ވަނީ ހުއްޓާލާފަ އެވެ.

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް މަޖިލީހަށް ހުށަހެޅުއްވި ބިލުގައި ތެލުގެ ބާވަތްތަކުން 10 ޕަސެންޓުގެ ޓިއުޓީއެއް އަލުން ނެގުމަށް ހުށަހަޅުއްވާފައިވެ އެވެ.

މުހައްމަދު އިސްމާއިލް ހުށަހަޅުއްވާފައިވާ ބިލުގައި 17 ބާވަތަކުން ޑިއުޓީ ބޮޑު ކުރަން ވަނީ ހުށަހަޅާފަ އެވެ. އަދި ހަ ބާވަތަކުން ޑިއުޓީ ކުޑަ ކުރަން ވަނީ ހުށަހަޅާފަ އެވެ.

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް މުހައްމަދު އިސްމާއިލް ހުށަހަޅުއްވާފައިވާ ބިލުގައި ބުނެފައިވާ ގޮތުން ރާއްޖެއަށް އެތެރެ ކުރާ ކޮންމެ ސިނގިރެޓަކުން 1.25 ރުފިޔާގެ ޑިއުޓީއެއް ނަގަން ޖެހޭނެ އެވެ. ނަޝީދުގެ ސަރުކާރުގައި ފެށިގެން ރާއްޖެއަށް އެތެރެ ކުރާ ކޮންމެ ސިނގިރެޓަކުން ނަގަމުން އަންނަނީ 90 ލާރިގެ ޑިއުޓީކެވެ. އޭގެ ކުރިން ނަގާފައި ވަނީ 30 ލާރީގެ ޑިއުޓީ އެވެ.

އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ބިލުގައި ބުނެފައިވާ ގޮތުން ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން 200 ޕަސެންޓު ޑިއުޓީއެއް ނެގުމަށް ވަނީ ހުށަހަޅާފަ އެވެ.

ބިލުގައިވާ ގޮތުން ކޮސްމެޓިކްސްގެ ބާވަތްތަކުން ފަސް ޕަސެންޓުގެ ޑިއުޓީ ނަގަން ޖެހެ އެވެ. އަދި ލަގްޒަރީ ކޮސްމެޓިކްސްގެ ބާވަތްތަކުން 20 ޕަސެންޓުގެ ޑިއުޓީއެއް ނަގުން ލާޒިމެވެ. އަދި އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހީގައި ހަރުކޮށްފައި ހުންނަ ބިއްލޫރި އާއި އެ އުޅަނދުތަކުގައި ބިއްރޫލިން ތައްޔާރުކޮށްފައި ތަކެތިން 50 ޕަސެންޓުގެ ޑިއުޓީއެއް ނަގަން ބިލުގައި ބުނެފައިވެ އެވެ. އަދި އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހީގެ އިންޖީނާއި އޭގެ ބައިބައިން 50 ޕަސެންޓް ޑިއުޓީ ނެގުމަށް ވަނީ ހުށަހަޅާފަ އެވެ.

ފަތުރުވެރި ކަމަށް ބޭނުންކުރުމަށް ގެންނަ ކަނޑުގައި ދުއްވާ ލަގްޒަރީ އުޅަނދުފަހަރުން ޑިއުޓީ ނެގުން ހުއްޓާލުމަށް ބިލުގައި ބުނެފައިވެ އެވެ. ރަނުގެ މައުދަނުން މިހާރު ނަގަމުން އަންނަ 25 ޕަސެންޓުގެ ޑިއުޓީ ނެގުން ހުއްޓާލުމަށް ބިލުގައި ވަނީ ހުށަހަޅާފަ އެވެ.

އެކްސްޕޯޓް އިމްޕޯޓް ގާނޫނު ދަށުން ރާއްޖެއަށް އެތެރެ ކުރާ 17 ބާވަތަކުން ޑިއުޓީ ބޮޑު ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، މިއަހަރު ކުރީ ކޮޑު 21 ބާވަތަކުން ޑިއުޓީ ބޮޑު ކުރަން މަޖިލީހުން ފާސްކުރި ބިލް ރައީސް ޔާމިން އަބްދުލް ގައްޔޫމް ވަނީ ތަސްދީގު ކުރައްވާފަ އެވެ.

ގާނޫނުގެ ދަށުން ޑިއުޓީ ބޮޑުކޮށްފައިވާ ބާވަތްތަކަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑިއުޓީ ކުޑަކޮށް، އަދި ޑިއުޓީ ނެގުން ހުއްޓާލި ބާވަތްތަކެވެ. މީގެ ދެ އަހަރު ކުރިން 2011 ވަނަ އަހަރު ބައެއް ބާވަތްތަކުގެ ޑިއުޓީ ކުޑަ ކުރީ އެކްސްޕޯޓް އިންޕޯޓް ޑިއުޓީގެ ބިލަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ހުށަހެޅި އިސްލާހަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބުމުންނެވެ.