ޖޫމްހޫރީ ޕާޓީގެ ޔޫތު ލީގުގެ ރައީސް މޫސާ އަންވަރާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދި ޕާޓީގެ ގައުމީ ހިންގާ ކޮމެޓީއަށް މައްސަލަ ހުށަހެޅުމަށް ޖޭޕީގެ ޔޫތު ލީގުން ފާސްކޮށްފި އެވެ.

ޔޫތު ލީގުން އެގޮތަށް ފާސްކޮށްފައި ވަނީ، ޔޫތު ލީގުގެ ނިންމުމެއް ނެތި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރެލްކަމުގެ މަގާމުން އަހްމަދު ސަމީރު ވަކިކޮށްދިނުމަށް އެދި ޔޫތު ލީގުގެ ރައީސްގެ ނަމުގައި މޫސާ އަންވަރު އެ ޕާޓީގެ ކައުންސިލަށް ސިޓީއެއް ފޮނުވުމާ ގުޅިގެންނެވެ.

ޖޭޕީގެ ޔޫތު ލީގުގެ ފަސް މެމްބަރަކު ސޮއިކުރައްވައި މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ ސަމީރު މަގާމުން ވަކިކޮށްދިނުމަށް އެދި ޔޫތު ލީގުގެ ރައީސްގެ ނަމުގައި މޫސާ އަންވަރު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ސިޓީއެއް ފޮނުވާފައި ވަނީ ޕާޓީގެ ހަމަޖެހުމާއި މަސްލަހަތު ނަގާލައި ގަސްދުގައި ޕާޓީއަށް ނިކަމެތިކަމެއް ދިނުމުގެ ނިޔަތުގައި ކަމަށެވެ.

".... އެކަމުގެ ސަބަބުން ޔޫތު ލީގާ މެދު މެމްބަރުންނާއި ޒުވާނުން ދެކޭގޮތް ބަދަލުވެ، މަސައްކަތް ކުރުމުގައި ދަތިތަކާއި ކުރިމަތިވެދާނެތީވެ، ޕާޓީގެ ޔޫތު ލީގުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ވަނީ، މޫސާ އަންވަރުގެ ސިޓީގައި ސަމީރުގެ ޒާތީ ކަންކަމާ ބެހިވަޑައިގެން ސާބިތުނުހިފޭގޮތަށް މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި އޭނާ ބޭނުންކޮށްފައިވާ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.