ރެޑްބުލް އިން އިންތިޒާމްކޮށްގެން ބާއްވާ "ރެޑްބުލް ވިނިންގް ފައިވް" ގެ ފައިނަލަށް ގދ. ތިނަދޫއިން ޓަކާޓަ އާއި ބުލްފައިވް ކޮލިފައި ވެއްޖެ އެވެ. މި ދެޓީމް ފައިނަލް ބުރުން ޖާގަ ހޯދީ ތިނަދޫގައި ކުރިއަށްދިޔަ ކޮލިފައިންް ބުރުގެ ފައިނަލުން ޖާގަ ހޯދި ދެޓީމްގެ ގޮތުގަ އެވެ.

މި ދެޓީމަށް އަންނަ މަހު 13 ގައި މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ފައިނަލް ބުރުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައިވާއިރު ތިނަދޫގެ ކޮލިފައިން ބުރުގެ ފައިނަލްގައި ބުލް ފައިވް އާ ވާދަކޮށް ޗެމްޕިއަންކަން ހޯދީ ޓަކާޓަ އެވެ.

ވާދަވެރި ކުޅުމަކަށްފަހު ޓަކާޓަ ޓީމުން ބުލްފައިވްގެ މައްޗަށް ކުރިހޯދީ ފައިނަލުގައި 2-0 ން ކުރިހޯދައިގެންނެވެ. މެޗުގައި އެޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ޖައިޝަމް އަހުމަދު އާއި އިބްރާހިމް ހުސައިން އެވެ. ޓަކާޓަ ޓީމުން ކޮލިފައިން ބުރުގެ ޗެމްޕިއަންކަން ހޯދީ އެޓީމުން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އަދި ބައިކޮޅަށް އެއްވެސް ލަނޑެއް ވަނަ ނުދީކަން ފާހަގަކޮށްލެެވެ އެވެ.

ސަން އަށް މައުލޫމާތު ދެމުން ޓަކާޓަ ޓީމުގެ ޖައިޝަމް ބުނީ، ކޮލިފައިން ބުރު ކުރިއަށް ދިޔަ ގޮތާމެދު ހިތްހަމަޖެހޭ ކަމަށާއި ތިނަދޫގައި އަލަށް ބޭއްވުނު ރެޑްބުލް އިވެންޓް ކާމިޔާބުކުރެވުމުން ވަރަށް އުފާވާ ކަމަށެވެ. އަދި ފައިނަލުގައި ތިނަދޫގެ މޮޅެތި ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމެއްގެ މައްޗަށް ކުރިހޯދައި ތަށި ލިބުމުން މާލޭގައި އޮންނަ ފައިނަލް ބުރުގައި ޓަކާޓަ ޓީމަށް ރަނގަޅު ނަތީޖާ އެއް ނެރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

ތިންދޫގައި ކުރިއަށްދިޔަ ކޮލިފައިންގެ ބުރުގައި ޖުމްލަ 22 ޓީމަކުން ވާދަކޮށްފައިވެ އެވެ.

ރެޑްބުލް ވިނިންގް ފައިވް އަކީ ދުނިޔޭގައި ވަރަށް ފޯރިއާއެކު ކުރިއަށްގެންދާ މަގުބޫލު މުބާރާތެކެވެ. މިދިޔަ އަހަރު ރާއްޖޭގައި ފެށި މި މުބާރާތަށް ޒުވާނުންގެ ފަރާތުން ބޮޑު މަގުބޫލު ކަމެއް ލިބުނު އިރު މިފަހަރު އައްޑޫ ސިޓީ އާއި ޏ. ފުއައްމުލަކާއި ގދ. ތިނަދޫގެ އިތުރުން ލ. ގަމުގައި ކޮލިފައިންގް ބުރެއް ބާއްވަން ހަމަޖެހިފައިވެ އެވެ. މީގެ ތެރެއިން ދެން ކުރިއަށް އޮތީ ފުއައްމުލަކުގައި ކުރިއަށްދާ ކޮލިފައިންގް ބުރެވެ.