17 Nov 2014, 16:57
ރ. މަޑުއްވަރީ ސިއްހީ މަރުކަޒާއި އެ އަތޮޅު މީދޫ ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތްދޭ ތަންތަނަކަށް ބަދަލު ކުރަން ނިންމައިފި އެވެ.
ރ. މަޑުއްވަރި ސިއްހީ މަރުކަޒު މާރާމާތު ކުރުމަށާއި އެ އަތޮޅު މީދޫ ސިއްހީ މަރުކަޒު މަރާމާތު ކުރުމުގެ އިތުރުން ނ. ލަންދޫ ސިއްހީ މަރުކަޒު މަރާމާތު ކުރަން ބަޔަކާ ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު ނާޒިމު ވިދާޅުވީ މަޑުއްވަރީ ސިއްހީ މަރުކަޒާއި އެ އަތޮޅު މީދޫ ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތްދޭ ތަންތަނަށް މިއަދުން ފެށިގެން ބަދަލުވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިއަދު އެގޮތަށް ބަދަލު ކުރި ނަމަވެސް ހިދުމަތްދޭން ފަށާނީ އެއް މަސް ދުވަސް ފަހުން ކަމަށެވެ.
"ހިދުމަތްދޭން ފަށާ އިރު އެތަނަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުންނާއި އަދި އެތަނަށް ބޭނުންވާ ލެބޯޓްރީ ހިދުމަތްދޭ އެއްޗެހި ވެސް ހަމަޖެހިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އެ ދެ ހޮސްޕިޓަލު 24 ގަޑިއިރަށް ބަދަލުކޮށް ހިދުމަތްދޭން ފަށާ އިރު ކޮންމެ ސިއްހީމަރުކަޒަކަށް ދެ ޑޮކްޓަރުންނާއި ހަތް ނަރުހުން ހިދުމަތްދޭން ތިބޭނެ ކަމަށެވެ. އަދި އަސާސީ ހުރިހާ ހިދުމަތަކާއި ލެބޯޓްރީ ހިދުމަތް ގާއިމްވެ ލެބޯޓްރީ ޓެކްނީޝަނެއް ހުންނާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެމަނިކުފާނު ރ. އަތޮޅަށް ކުރެއްވި ދަތުރުގައި ސިއްހީ މަރުކަޒުތަކަށް ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދީފައިވާ ކަމަށެވެ. އެގޮތުން މަޑުއްވަރީ އާއި މީދޫ އަށް ބޭނުންވާ އީސީޖީ މެޝިން ކުރިއަށް އޮތް ހަފްތާތެރޭ ހޯދައި ހަވާލުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް އަންނަ މަހުގެ ތެރޭ އުނގޫފާރު ހޮސްޕިޓަލު ހުޅުވަން ކުރާ މަސައްކަތުގެ ދަށުން އެ ހޮސްޕިޓަލަށް ބޭނުންވާ ހުރިހާ ޑޮކްޓަރުން ވަނީ ހޯދާނިމިފައި ކަމަށާއި ހޮސްޕިޓަލަށް ބޭނުންވާ އިކުއިޕްމަންޓްތައް ލިބުމުން ހޮސްޕިޓަލު ހުޅުވިގެންދާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތުގައި މާރާމާތު ކުރަން ބަޔަކާ ހަވާލުކުރުމުގެ ރަސްމިިއްޔާތުގައި ނާޒިމް ވިދާޅުވީ މަޑުއްވަރީ އާއި އެއަތޮޅު މީދޫ ސިއްހީ މަރުކަޒު ހެދުމަށް ހަތަރު ލައްކަ އެއްހާ ރުފިޔާ ހަރަދުވާއިރު، ނ. ލަންދޫ ސިއްހީ މަރުކަޒު މަރާމާތު ކުރުމަށް 350،000 ރުފިޔާ ހަރަދު ވާނެ ކަމަށެވެ. އަދި އެ ތިން ސިއްހީމަރުކަޒުގެ މަރާމާތު ނިމިގެންދާ އިރު އެތަންތަނަށް ދިމާވެފައިވާ މައްސަލަތައް ހައްލުވެގެންދާނެ ކަމަށެވެ.