17 Nov 2014, 16:44
މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމަށް ހަވާލުކޮށްފައިވާ ޓަޓުވާ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމުގެ ކަންތައް މި އަހަރު ނިމުމުގެ ކުރިން ކޮންމެވެސް އެއްގޮތަކަށް ނިންމަން ސަރުކާރުން ނިންމާފައިވާ ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބުރާހީމް ވިދާޅުވެއްޖެ އެވެ.
ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މާލެ ސަރަހައްދުގެ ކުނި ނައްތައިލުމަށް 2011 ވަނަ އަހަރު ހަވާލު ކުރި ޓަޓުވާ ގްލޯބަލް ރިނިއުވަބުލް އެނާޖީ އިން އަދި ވެސް އެ މަސައްކަތް ފަށާފައި ނުވާތީ ސަރުކާރުން އެ ކުންފުންޏާ އެކު ގިނަ މަޝްވަރާތަކެއް ކޮށްފައިވެ އެވެ. ނަމަވެސް އެ މަސައްކަތް އަދި ވެސް ނުފެށޭތީ އެ ކުންފުންޏާ ވާހަކަ ދައްކައިގެން ކޮންމެވެސް އެއްގޮތަކަށް ނިންމަން ސަރުކާރުން ނިންމަވާފައިވާ ކަމަށް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.
"...މިހާތަނަށް ދިޔަ އިރު އެމަސައްކަތް ކުރިއަށް ނުގޮސް މިވަނީ. ދެން އެހެންވީމާ ސަރުކާރުން މިހާރު ނިންމަވާފައި އޮތީ އެބޭފުޅުންނާ ވާހަކަ ދައްކަވައިގެން ކޮންމެވެސް އެއްގޮތަކަށް އެބޭފުޅުންގެ އެ ކޮންޓްރެކްޓް ކުރިއަށް ގެންދަވަން ނޫނީ އެ ކޮންޓްރެކްޓް އެހިސާބުން ނިންމާލުމުގެ ގޮތުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ބަލަނީ މިއަހަރު ނިމުމުގެ ކުރިން ގޮތްތަކެއް ހޯދިގެން ދާނެ ކަމަށް،" ވެލާނާގޭ ޕްރެސްރޫމްގައި މިއަދު ބޭއްވެވި ނޫސްކޮންފަރެންސެއްގައި ތޯރިގު ވިދާޅުވި އެވެ.
މާލެ ސަރަހައްދުގެ ކުނި މެނޭޖް ކުރުމަށް ސަރުކާރުން މިހާރު ޕްލޭނެއް ތައްޔާރުކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ ޔޫއީއީއެލް (ޔޫޕީއެލް އެންވަޔަރުމެންޓަލް އިންޖިނިއާސް) އާއި ޖަރުމަނުގެ ކުންފުންޏެއްކަމަށްވާ އާރްއީއީއެލް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ ޓަޓުވާއާއި މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް 2011 ވަނަ އަހަރު ހަވާލުކުރީ މާލޭ ސިޓީކައުންސިލުންނެވެ. އެ ކުންފުންޏާއި ސިޓީކައުންސިލާ ދެމެދު 2011 ވަނަ އަހަރު މެއި މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން މާލޭގައި އުފެދޭ ކުނި ތިލަފުއްޓަށް ގެންގޮސް އޭގެ ތެރޭގައި ހިމެނޭ އަލުން ބޭނުންކުރެވޭ، ޕްލާސްޓިކާއި މައުދަންތައް ފަދަ ކުނި އަލުން ބޭނުންކުރެވޭގޮތް ހަދަން ޖެހެއެވެ. އަދި އެނޫން ކުނި އަންދައިގެން ކަރަންޓް އުފައްދާ ސްޓެލްކޯ އަށް ވިއްކުމަށް އެ އެއްބަސްވުމުގައިވެ އެވެ. ނަމަވެސް އެކުންފުނިން އަދި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.