17 Nov 2014, 16:40
އިސްލާމް އާބާދު (ނޮވެމްބަރު 17) : ޕާކިސްތާނުގެ ގަބީލާތަކުގެ ސަރަހައްދު ކަމަށްވާ ވަޒީރުސްތާނުގައި ހިންގި އަސްކަރީ ޚާއްސަ އޮޕްރޭޝަނެއްގައި ހަނގުރާމަވެރިންގެ 34 މީހުން މަރާލައިފި ކަމަށް ޕާކިސްތާން ސިފައިން ބުނެފި އެވެ.
ޕާކިސްތާނުގެ ސިފައިން ނެރުނު ބަޔާނެއް ބުނާގޮތުން ވަޒީރުސްތާނުގެ އުތުރުގައި ހިންގި މިއޮޕަރޭޝަންގައި މަރާލެވުނު ހަނގުރާމަވެރިންގެ ތެރޭގައި ތާލިބާން ހަނގުރާމަވެރިންގެ އިތުރުން ބޭރުގައުމުތަކުގެ ހަނގުރާމަވެރިން ވެސް ހިމެނެ އެވެ. ވަޒީރުސްތާނުގެ އުތުރު ސަރަހައްދަކީ އަލްގާއިދާގެ ހަރަކާތްތައް ބޮޑު ސަރަހައްދެކެވެ. އަލްގާއިދާގެ ހަނގުރާމަވެރިންގެ ގޮތުގައި ޕާކިސްތާނުގައި ގިނައިން ހަރަކާތްތެރިވަނީ އަރަބި ގައުމުތަކުގެ ރައްޔިތުންކަމަށް ޕާކިސްތާން ސަރުކާރުން ބުނެ އެވެ.
ތާލިބާނުންނަކީ ޕާކިސްތާނުގައި އަލްގާއިދާ ހިންގާ ހަރަކާތްތަކަށް މަދަދުދޭ ޖަމާއަތެއް ކަމަށާ އަލްގާއިދާ ޕާކިސްތާނުގައި ހަރަކާތްތެރިވަނީ ތާލިބާނުންގެ ހިޔަނީގައި ކަމަށް ވެސް ޕާކިސްތާން ސަރުކާރުން ބުނެ އެވެ. ވަޒީރުސްތާނުގެ އުތުރުގައި ހިންގި ޚާއްސަ އޮޕަރޭޝަންގައި ޕާކިސްތާން ސިފައިންގެ ތިން މީހުންމަރުވެ ހަތަރު މީހުން ޒަޚަމްވެފައިވާ ކަމަށް ޕާކިސްތާން ސިފައިންގެ ބަޔާން ބުނެ އެވެ.
ޕާކިސްތާން ސިފައިން ގެންދަނީ މިދިޔަ ޖޫން މަހުން ފެށިގެން ވަޒީރުސްތާނާއި އެސަރަހައްދުގެ ވަށައިގެންވާ ހިސާބުތަކުގައި ފުޅާދާއިރާއެއްގެ އަސްކަރީ އޮޕްރޭޝަނެއް ހިންގަމުންނެވެ. މިއިޕްރޭޝަންގައި ޖުމްލަ 1200 އަށް ވުރެ ގިނަ ތާލިބާން ހަނގުރާމަވެރިންނާއި އަލްގާއިދާ ހަނގުރާމަވެރިން ފާއިތުވި ހަތަރު މަސްދުވަހުގެ ތެރޭގައި މަރާލައި ހަނގުރާމަވެރިންގެ އެތައް މަރުކަޒުތަކެއް ބިމާ ހަމަކޮށްލާފައިވާނެ ކަމަށް ޕާކިސްތާން ސިފައިންގެ ބަޔާން ބުނެ އެވެ. (ރޮއިޓާސް)