17 Nov 2014, 16:34
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ އެރައިވަލްސް ޓާމިނަލްގައި ޑިއުޓީ ފިހާރަތަކާއި އެއްއަގަށް ތަކެތި ވިއްކާ ޑިއުޓީ ޕެއިޑް ފިހާރައެއް ހުޅުވައިފި އެވެ.
އައިއެންއައިއޭގައި ބޭއްވި ހަފްލާއެއްގައި "ދޮވެމަ" ފިހާރަ ހުޅުއްވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ދޮވެމަ ފިހާރަތެރެ--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
އެފިހާރަ ހުޅުއްވައި ދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އެފިހާރަ ހުޅުވި ސަރަހައްދަކީ ވަރަށް ރަނގަޅު ސަރަހައްދެއް ކަމަށާއި އެއީ މާކެޓަށް އެންމެ ރަނގަޅު އެއް ސަރަހައްދު ކަމަށެވެ.
މޯލްޑިވުސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ހިންގާ އެ ފިހާރަ ހުޅުވާފައި ވަނީ އެރައިވަލްސް ޓާމިނަލްގައި ހުންނަ ދިރާގުގެ ފިހާރައާ ޖެހިގެންނެވެ.

ދޮވެމަ ފިހާރަ--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
އެމްއޭސީއެލްގެ އޮފިޝަލަކު ސަން އަށް ވިދާޅުވި ގޮތުގައި އެފިހާރައިން ޑިއުޓީ ފުރީ ފިހާރަތަކާއި އެއްއަގެއްގައި ތަކެތި ލިބެން ހުންނާނެ އެވެ.
އެ ޑިއުޓީ ޕެއިޑް ފިހާރައިގައި މިހާރު ވިއްކަން ހުރީ ޑިއުޓީ ފުރީ ފިހާރަތަކުން ވިއްކާ ސެންޓާއި އައިނުގެ އިތުރުން ގަޑީޔާއި ތަފާތު އަންނައުނުތަކެވެ. އަދި ހަމުގެ ޒީނަތްތެރިކަމަށް ބޭނުންކުރާ އެތައް ސާމާނެއް ވިއްކަން އެބަހުއްޓެވެ.