17 Nov 2014, 16:25
މަގުމަތީގެ އެކްސިޑެންޓްތައް މަދުކޮށް މަގުތަކަކީ އަމާންތަނަކަށް ހެދުމުގެ ގޮތުން ފުލުހުންނާއި އެލައިޑް އިންޝިއުރެންސް ގުޅިގެން "ރައްކާ" ނަމުގައި ރޯޑް ޝޯއެއް ބާއްވަން ހަމަޖައްސައިފި އެވެ.
ރޯޑް ޝޯ ބޭއްވުމުގެ އެއްބަސްވުމުގައި އިއްޔެ ވަނީ ފުލުހުންނާއި އެލައިޑްއިންޝިއުރެންސްއާ އެކު އެއްބަސް ވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި އެލައިޑް އިންޝުއަރެންސްގެ ފަރާތުން ސޮއި ކުރީ ޖެނެރަލް މެނޭޖަރު ނިޔާޒް މުހައްމަދު އެވެ. ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު އެވެ.
ފުލުހުން ބުނީ މި މަހުގެ 28 އިން 29 އަށް ކުރިއަށްގެންދާ ރޯޑް ޝޯގައި މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށާއި، މަގުމަތީގެ އެކްސިޑެންޓްތައް މަދުކޮށް އެކްސިޑެންޓްގެ ނުރައްކާތެރިކަން އާންމުންނަށް ވިސްނައިދީ އެއްގަމުދަތުރުފަތުރުގެ ގާނޫނު ނެގެހެއްޓުމަށް ޓަކައި ބޭނުންވާ މުހިއްމު މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.
އެރަސްމިއްޔާތުގައި އެލައިޑްގެ ޖީއެމް ނިޔާޒް މުހައްމަދު ވިދާޅުވީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރި ކަމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި އުފަލެއް ކަމަށެވެ. އަދި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތުގައި އެލައިޑް އިންޝުއަރެންސް އަބަދު ވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ނިޔާޒް ދެއްވި އެވެ. އަދި ރައްޔިތުންނަށް ރައްކާތެރި ދިރިއުޅުމަކަށް މަގުފަހިވާ ކަންކަމުގައި ބައިވެރިވުމަކީ އެލައިޑް އިންޝުއަރެންސްގެ މުހިއްމު އަމާޒެއް ކަމަށެވެ.
އެބައްދަލުވުމުގައި ދާއޫދު ވިދާޅުވީ ރައްޔިތުންނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދީ ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށް ދިނުމަށް ފުލުހުން ކުރާ މަސައްކަތުގައި އެފަދަ މުހިއްމު ބައިވެރިން ލިބިގެންދިއުމަކީ ފުލުހުންގެ މަސައްކަތަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރޯޑު ޝޯގެ ހުރިހާ ހަރަދެއް ކުރުމަށް ހަމަޖެހިފައި ވަނީ އެލައިޑް އިންޝިއުރެންސް އިން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ "ފުރާނައިގެ ރައްކަލަށް- ބަލައިގެން ދުއްވާ!" އެ ޝިއާރުގެ ދަށުން ހިންގާ ހަރަކާތުގެ މަގުސަދަކީ އެކްސިޑެންޓްގެ ނުރައްކާތެރިކަން ވިސްނައިދީ، އެކްސިޑެންޓް ހިނގާ ސަބަބުތައްބުނެދީ، އެކްސިޑެންޓް ހިނގުން މަދުކުރުމަށް މަސައްކަތްކޮށް، ހިނގާ އެކްސިޑެންޓްގެ ނުރައްކާތެރިކަން ދަށްކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ މެދު ރައްޔިތުން ހޭލުންތެރިކުރުން ކަމަށެވެ.