އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީކޮށް 2017 ވަނަ އަހަރު ނިމޭނެ ކަމަށް އެކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އައިއެންއައިއޭގައި ޑިއުޓީ ޕެއިޑް ފިހާރައެއް ހުޅުއްވުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އައިއެންއައިއޭއަކީ ތަރައްގީވެފައިވާ ރީތި އެއާޕޯޓަކަށް ހެދިގެންދާނެ ކަމަށެވެ.

"ޖުމުލަކޮށް މުޅި ރައްޔިތުންނަށް ދަންނަވާލަން އޮތީ މި އެއާޕޯޓުގެ ތަރައްގީ އަޅުގަނޑުމެން ﷲ އިރާދަކުރެއްވިޔާ 2017 ޑިސެމްބަރު 31ގެ ކުރިން އަޅުގަނޑުމެން މިތަސައްވަރު އަމަލީ ސިފަގެނެސްދީ މިއެއާޕޯޓަކީ ތަރައްގީވެފައިވާ ރީތި ކުޑަކުޑަ ނަލަ ފަސް މިލިއަން ޓޫރިސްޓުންނަށް ކޭޓާ ކުރާ އެއާޕޯޓަކަށް ކުރެވޭތަން ތިން އަހަރުގެ ތެރޭގައި ފެނިގެންދާނޭ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދަނީ ފަސް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިންނަށް އަމާޒުކޮށްގެން ކަމަށާއި އޭގެ ތެރޭގައި ދެވަނަ ރަންވޭ އާއި ތެޔޮ ފާމުގެ އިތުރުން ޓާމިނަލް އެތައް ގުނައަކަށް ބޮޑުކުރުން ހިމެނޭ ކަމަށެވެ. އަދި އެ މަޝްރޫއަކީ 700 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް ހަ ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް މީގެ ކުރިން ވިދާޅުވެފައި ވަނީ އައިއެންއައިއޭ ތަރައްގީ ކުރުމަށް ލޯނެއް ނެގުމަށް ނިންމާފައިވާ ކަމަށެވެ. އަދީބު އިތުރަށް ވިދާޅުވީ ޖޭޕެކް ފަންޑުން އެއާޕޯޓް ޓާމިނަލް ބޮޑުކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

އައިއެންއައިއޭގައި ހުންނަ އަކުއާ ރެސްޓޯރެންޓް ބަންދުކޮށް އެ ސަރަހައްދަށް ޓާމިނަލް ބޮޑު ކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެސް ވަނީ ބުނެފަ އެވެ. އަކުވާ ރެސްޓޯރެންޓް މިހާރު ވަނީ އެ ރެސްޓޯރެންޓް ހިންގަން ހަވާލުކުރި ފަރާތްތަށް ދީފައިވާ މުއްދަތު ހަމަވެފައި ވާތީ ބަންދުކޮށްފަ އެވެ.

މިނިސްޓަރު އަދީބު އިތުރަށް ވިދާޅުވީ ސިންގަޕޫރުގެ ޗަންގީ އެއާޕޯޓްސް އިން އައިއެންއައިއޭގެ ކޮންސަލްޓަންޓުންނަށް ޕްރޮޕޯސްކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް އެގްރިމެންޓް ހަދައި އެ ބޭފުޅުން އެޑްވައިޒަރުންނަށް ހަމަޖައްްސަވާނެ ކަމަށެވެ.