ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދީ، ޒުވާނުންނަށް ކުރިއަށް ދެވޭނެމަގު ތަނަވަސްކޮށްދިނުމަކީ، ސަރުކާރުގެ ވަރަށް މުހިއްމު ވައުދެއް ކަމަށާއި މިވައުދުތައް ފުއްދައި ދިނުމުގެ އަސާސްތައް ގުޅިފައިވަނީ ގައުމުގެ އިގްތިސާދު ހަރުދަނާވުމާއި ތަނަވަސްކަމާއި ފުދުންތެރިކަން އިތުރު ކުރުމުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައި ރައީސް ޔާމީން ވިދާޅުވީ ވައުދުތައް ފުއްދައި ދިނުމުގެ އަސާސްތައް ގުޅިފައިވާއަނެއް ކަމަކީ އިޖްތިމާއީ ހަމަޖެހުމާއި އަމާން މުޖްތަމައުއެއް ބިނާވެ ޒުވާނުންނަށާއި އެންމެހާ ރައްޔިތުންނަށް ހިތްފަސޭހަ ދިރިއުޅުމެއް ފޯރުކޮށްދިނުމުގެ މައްޗަށް ކަމަށެވެ.

"ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކީ ޒުވާނުންކަމަށްވާއިރު، ރާއްޖެ ތަރައްޤީގެ ‏‏މަގުގައި ކުރިއަށް ‏‏ގެންދިޔުމަށް ބޭނުންވާ ހުރިހާ ދާއިރާއެއްގައި ޒުވާނުންގެ ‏‏ޙަރަކާތްތެރިކަމާއި، އެމީހުންގެ ހޫނު ލެޔާއި، ‏‏ޖޯޝާއި، ވިސްނުމާއި، ހަކަތަ ސަރުކާރަށް‏ ‏ބޭނުންވެ"ރައީސް ޔާމިން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެކިއެކި ރޮނގުތަކުގައި ‏‏ހަރަކާތްތެރިވުމުގެ ޤާބިލިއްޔަތާއި ‏‏ހުނަރުވެރިކަން ޒުވާނުންގެ ކިބައިގައި އަށަގެންނެވުމަކީވެސް ވަރަށް ‏‏މުހިންމު ކަމެއް ކަމަށާއި ‏‏އެހެންކަމުން، އެމަގުސަދު ހާސިލުކުރުމަށްޓަކައި ޒުވާނުންނަށް ‏‏ބޭނުންވާ ‏‏ވަސީލަތްތައް ގާއިމުކޮށްދިނުމަކީ، ސަރުކާރުގެ މުހިންމު އެއް ‏‏އަމާޒުކަމަށެވެ.

"ޒުވާނުންނަކީ، ގައުމުގެ ތަރައްގީގައި ވަރަށް މުހިންމު ދައުރެއް އަދާކުރަންޖެހޭ ‏‏ބަޔަކަށްވާއިރު، އެކަން އެންމެ ފުރިހަމަ ގޮތުގައި ހާސިލުކުރެވޭނީ، ޒުވާނުންނަކީ އެމީހުންގައި ހަރުދަނާ ‏‏ސިފަތަކަކާއި، ހަރުދަނާ އަޚްލާޤެއްވެސް ހުރި ބަޔަކަށްވެގެން" ރައީސް ޔާމީން ވިދާޅުވި އެވެ.

ޒުވާނުންނަކީ، ގައުމުގެ ތަރައްގީގައި ވަރަށް މުހިންމު ދައުރެއް އަދާކުރަންޖެހޭ ‏‏ބަޔަކަށްވާއިރު، އެކަން އެންމެ ފުރިހަމަ ގޮތުގައި ހާސިލުކުރެވޭނީ، ޒުވާނުންނަކީ ޒިންމާދާރު ‏‏ޚިދުމަތްތެރިއެއްގެ ގޮތުގައި ޒުވާން އުމުރު ހޭދަކޮށްގެން ކަމަށާއި ޒުވާނުންނަކީ، ތަޖުރިބާގެ ފައިދާ ދަންނަ، ‏‏އެ ތަޖުރިބާއަށް ހުރުމަތްތެރިކޮށްހިތާ ބަޔަކަށްވެސް ވެގެން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.