17 Nov 2014, 16:07
މަޝްހޫރު ގާރީ މ. ޑްރީމީލައިޓް ހުސައިން ތައުފީގުގެ މައްޗަށް ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން އިއްޔެ ބާތިލްކޮށްފިއެވެ.
ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ ހަ މަހަށް އަރުވާލުމާ އެކު 15 އެތި ފަހަރުން ތައުޒީރު ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
އޭނާގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވާ ހުކުމްގައި ވަނީ 2007 ވަނަ އަހަރު އޭނާ ދިރިއުޅޭ ގޭގެ ސިޑި މަތީގައި ހުރެ އެހެން މީހުންނަށް ފެންނަ ގޮތަށް އަމިއްލައަށް ބަދުއަޚުލާގީ އަމަލު ހިންގާފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ކުރި ހުކުމް ތަންފީޒުކުރުން ތިން އަހަރަށް ފަސްކުރުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.
ގާރީ ތައުފީގު އެ ހުކުމް އިސްތިއުނާފުކުރުމުން އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން ކުރި ހުކުމްގައި ވަނީ
އެ މައްސަލަ ތައުފީގުގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އޭނާއާ ދެކޮޅަށް ހެކިބަސް ދީފައިވާ ތިން މީހުންނަކީ އެ މީހުންގެ ތިމާގެ މީހަކު އެގެއިން ކުއްޔަށް ހިފާފައި ހުރި އެޕާޓްމަންޓެއްގައި ދިރިއުޅެމުން ދިޔަ ބައެއް ކަމަށެވެ.
ކުލިނުދައްކައިގެން ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓުން އެމީހުން ނެރެފައިވާމަކާއި ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާކަން ވެސް ލިޔެކިޔުންތަކުން އެނގޭ ކަމަށް އެ ހުކުމްގައި ވެއެވެ. އެކަންތައް އެގޮތަށް ހުރި އިރު ގާރީ ތައުފީގާ ދެކޮޅަށް އެމީހުން ހެކިބަސްދީފައު ވަނީ އެޕާޓްމަންޓުން އެމީހުން ނެރުނުފަހުން ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ.
އެ ހުކުމްގައި ވަނީ ދައުލަތުގެ ފަރާތުން ތުހުމަތުކުރާ ކަންތައް ހިންގިކަމަށް ބުނާ ދުވަސްވަރު އެ ތިން މީހުން ވެސް ދިރިއުޅުނީ އެ ގޭގައި ކަމަށާއި އެހެންނަމަވެސް އެ ދުވަސްވަރު އެފަދަ އެއްވެސް މައްސަލައެއް ކަމާބެހޭ އެއްވެސް ފަރާތަކަށް އެ ތިން މީހުން ހުށަހަޅާފައިނުވާ ކަމަށެވެ. އަދި ހެކިބަސް ދީފައި ވަނީ ކުލި ނުދައްކައިގެން އެ ތިން މީހުން އެ ތަނުން ނެރުނު ފަހުން ކަމަށާއި ހެކި ބަސް ދިން ހަތަރުވަނަ މީހަކީ ކުރިން ބުނި ތިން މީހުން ދިރިއުޅޭތަނަށް ގޮސް އުޅުނު ގާތް ރަހުމަތްތެރިއެއްކަން އެނގޭ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ.
އެހެންކަމުން އެކަން ހިނގާފައިވާ ގޮތަށް ބަލާއިރު އެފަދަ ހާލަތެއްގައި ހެކީންގެ ހެކި ބަހުގެ ބުރަދަން ވަރަށް ކުޑަވަގެންދާނެ ކަމަށް ހައިކޯޓެ ހުކުމްގައި ވެއެވެ. އަދި އެ ހެކިބަހަށް ބާރުލިބޭ އިތުރު ހެއްކެއް ގަރީނާއެއް ވެސް ނެތް އިރު ހަމައެކަނި އެ ހެކީންގެ ހެކި ބަހުގެ މައްޗަށް ބިނާކޮށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ގާރީ ތައުފީގުގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅިދާނެ ގަބޫލުނުކުރެވޭ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ.
ބަދުއަޚުލާގީ އަމަލު ހިންގުމުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް ގާރީ ތައުފީގުގެ މައްޗަށް ދައުލަތުން ވަނީ އުފުލާފައެވެ. އެހެންނަމަވެސް އެ މައްސަލަ އަދި ކޯޓުން ނިންމާފައެއް ނުވެއެވެ.