ކުޅިވަރާ ބެހޭ މިނިސްޓްރީން ކޮންމެ އަހަރަކު އެއްފަހަރު ނެރޭ ކުޅިވަރު ކަލަންޑަރު 2011 ވަނަ އަހަރަށް ނުނެރެވި ލަސްވެގެން ދިޔައީ ޒުވާނުންގެ މަރުކަޒުގައި ރޭވިފައިވާ ދެ ކަމެއްގެ ތާރީޚުތައް މުޅިން ޔަޤީން ނުވެގެން ކަމަށް މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސްއިން ބުނެފި އެވެ.

މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަދި ކުޅިވަރާ ބެހޭ ބައި ހިންގުމުގައި އެންމެ އިސްކޮށް ހުންނެވި އަބްދުއްރައްޒާޤު އިބްރާހީމް ވިދާޅުވީ ކުޅިވަރު ކަލަންޑަރު ނިންމާފައި އޮންނަތާ ދެމަހެއްހާ ދުވަސް ވެދާނެ ކަމަށެވެ.

"އެސޯސިއޭޝަންތަކާވެސް މަޝްވަރާކޮށްފައި އެ ކަލަންޑަރ ނިންމާފައި އޮންނަތާ ގާތްގަޑަކަށް ދެމަހެއްހާ ދުވަސް ވެދާނެ. ނަމަވެސް ޒުވާނުންގެ މަރުކަޒުގައި މިއަހަރަށް ދެކަމެއް އެބައޮތް ޕްލޭން ކުރެވިފައި. އެއް ކަމަކީ އެތަނުގެ މަރާމާތު. އަނެއް ކަމަކީ ސޯލާ ޕެނަލެއް ހަރުކުރުން. މި ދެކަންތަކުގެ ތާރީޚުތަކާއި ނިމޭނެ ދުވަސް ޔަޤީން ކުރަން ލަސްވީ. އެއްވެސް ކުޅިވަރަކުން ބޭނުމެއް ނުވާނެ މުބާރާތް ފަށާފައި ވަކި ހިސާބަކުން ހުއްޓާލާކަށް." ރައްޒާޤު ވިދާޅުވި އެވެ.

ރައްޒާޤު ވިދާޅުވީ އެ ހުރިހާ ކަމެއްވެސް މިހާރު ސާފުވެފައިވާ ކަމަށާއި މިދިޔަ ހަފްތާގެ ބުދަ ދުވަހު އެސޯސިއޭޝަންތަކަށްވެސް ކަލަންޑަރު ފޮނުވާލާފައިވާ ކަމަށެވެ.

"މިބެލީ ދެ ދުވަސް ތެރޭގައި އެސޯސިއޭޝަންތަކުން ޚިޔާލެއް އޮތް ނަމަ ފޮނުވާނެ ކަމަށް. އެހެންވެ މާދަމާ(އާދިއްތަ) ދުވަހު ރަސްމީކޮށް ކަލަންޑަރ އާއްމު ކުރާނަން." އޭނާ ވިދާޅުވި އެވެ.

ރައްޒާޤު ވިދާޅުވީ މިފަހަރުގެ ކަލަންޑަރގައިވެސް އެހެން އަހަރުތަކާ މާބޮޑު ތަފާތު ތަކެއް ނުހުންނާނެ ކަމަށާއި މިނިސްޓްރީން ސީދާ ބަޖެޓް ދީގެން ހިންގާ ހުރިހާ އެސޯސިއޭޝަނަކާއި އަދި މިނިސްޓްރީން އެހީވާ އެސޯސިއޭޝަންތަކުގެ ކަލަންޑަރވެސް ހިމަނާފައިވާނެ ކަމަށެވެ. "މީގެ އިތުރުން ރާއްޖެ ވާދަކުރާ ބޮޑެތި ގޭމްސްތަކާއި ބޭރުގެ މުބާރާތްތައްވެސް ވާނީ ހިމަނާފައި" ސްޕޯޓްސް ކައުންސިލްގެ ރައީސްކަންވެސް ކުރައްވާ ރައްޒާޤު ވިދާޅުވިއެވެ.

އާއްމު ގޮތެއްގައި ކުޅިވަރު އެސޯސިއޭޝަންތަކުން ކަލަންޑަރ އިއުލާން ކުރަނީ މިނިސްޓްރީން އިއުލާން ކުރާ ފަހުންނެވެ. ނަމަވެސް މިއަހަރުގެ ކަލަންޑަރ މިނިސްޓްރީން ނުނެރެ ލަސްވާތީ ފުޓްބޯޅަ އާއި ވޮލީން މިދިޔަ ހަފްތާގައި ވަނީ ކަލަންޑަރު އިއުލާން ކޮށްފައެވެ.