17 Nov 2014, 15:41
ނ، ރ،ބ އަދި ޅ.އަތޮޅުގެ ކުނި މެނޭޖް ކުރުމަށް ރ. ވަންދޫގައި ގާއިމްކުރާ ވޭސްޓްމެނޭޖްމެންޓް ސެންޓަރުގެ މަސައްކަތް ނިމި އަންނަ އަހަރު ޚިދުމަތް ފެށޭވަރު ވާނެ ކަމަށް އެންވަޔަރްމެންޓް މިނިސްޓްރީން ބުނެފިއެވެ.
އެންވަޔަރްމެންޓް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވުމަށް ވެލާނާގޭ ޕްރެސްރޫމްގައި ބޭއްވެވި ނިއުސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބުރާހީމް ވިދާޅުވީ ވަންދޫގެ މައިނގަޑު މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެރަށަށް ބޭނުންވާ އިކްއިޕްމެންޓް އަންނަ ޑިސެމްބަރުމަހު ގެނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެގޮތުން ގެންނަ އިކްއިޕްމެންޓްގެ ތެރޭގައި ރާއްޖޭގައި މިހާތަނަށް ބަހައްޓާ އެންމެ ބޮޑު އިންސިނަރޭޓަރު ހިމެނޭނެ ކަމަށެވެ.
"... ކުރިއަށް އޮތް ޑިސެމްބަރުމަހުގެ ތެރޭގައި އެތަނަށް ބޭނުންވާ އިކްއިޕްމެންޓް ގެނެވޭނެ. އޭގެތެރޭގައި ލޯޑަރާއި ފޯކްލިފްޓް ފަދަ އިކްއިޕްމެންޓްގެ އިތުރުން ދިވެހިރާއްޖޭގައި މިހާތަނަށް ބަހައްޓާ އެންމެ ބޮޑު އިންސިނެރޭޓަރު ހިމެނޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ އިންސިނެރޭޓަރުން ދުވާލަކު 40 ޓަނުގެ ކުނި އެންދޭނެ ކަމަށެވެ.
ހަތަރު އަތޮޅުގެ ރަށްރަށުގައި އުފެދޭ ކުނި ވަންދުއަށް ޖަމާކުުރުމަށް ބޭނުންކުރާ އުޅަނދު ބަނުމުގެ މަސައްކަތް ވެސް އަންނަ އަހަރު ކުރީކޮޅު ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އުތުރުގެ ހަތަރު އަތޮޅު ކަމަށްވާ ރ. އަތޮޅާއި ބ. އަތޮޅާއި ނ. އަތޮޅާއި ޅ. އަތޮޅުގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށް ވޯލްޑް ބޭންކްގެ އެހީގައި ހިންގާ މަޝްރޫއެއް ކަމަށްވާ މޯލްޑިވްސް އެންވަޔަރްމެންޓް މެނޭޖްމެންޓް ޕްރޮޖެކްޓް (މެމްޕް) ގެ ބައެއްގެ ގޮތުގައި ރ. ވަންދޫ ތަރައްގީ ކުރަން ނިންމީ 2010 ވަނަ އަހަރުއެވެ. ނަމަވެސް ދިރާސާތަކާއި ސާވޭ ތަކަށް ފަހު އެރަށުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުއެވެ.
ވަންދޫ ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީ ހޯގާޑާ ހަވާލުކުރީ މިދިޔަ އަހަރު މާޗްމަހުއެވެ. އެކުންފުންޏާ އެމަސައްކަތް ހަވާލުކުރީ 60 މިލިޔަން ރުފިޔާގެ އަގަކަށެވެ. ނ، ރ، ބ އަދި ޅ. އަތޮޅުގެ ރަށްތަކުގައި ގާއިމްކުރާ ކުނިކޮށިތަކާއި އެރަށް ރަށަށް ބޭނުންވާ އިކްއިޕްމެންޓްގެ އަގާ އެކު މުޅި މަޝްރޫއަށް 200 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް މިނިސްޓަރު މިއަދު ވިދާޅުވިއެވެ.