17 Nov 2014, 15:22
ބާސެލޯނާގެ ފަހަތަށް ކުޅެމުން އަންނަ ތަރި ޖެރާޑް ޕީކޭ ބާސާ ދޫކޮށް އެހެން ކްލަބަކަށް ބަދަލު ނުވާނެ ކަމަށް ބުނެފި އެވެ.
އޭނާ މިހެން ބުނެފައި ވަނީ ބާސާގެ ފުރަތަމަ އެގާރައިގައި ފެންނަލެއް މަދުކަމުން އޭނާގެ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓަޑްއަށް ބަދުލުވާން އުޅޭ ފަދަ ހަބަރުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ.
މޫވިސްޓާ ޓީވީ އަށް ދިން އިންޓަވައުއެއްގައި ޕީކޭ ބުނިގޮތުގައި ޔުނައިޓަޑަށް އޭނާ ބަދަލުވި ވާހާކައަކީ ދޮގު ވާހަކައެއްކަމަށާއި ބާސާއަކީ އޭނާގެ މުޅި ދިރިއުޅުން ކަމަށެވެ.
"ބާސާގައި ހުންނަން އަހަރެން ވަރަށް މަސައްކަތް ކުރާނަން. ދެ ތިން މެޗު ކުޅެލާފައި ޓީމް ދޫކޮށް ދިޔުމަކީ ރަނގަޅު ގޮތެއް ނޫން،" ޕިކޭ ބުންޏެވެ.
މި ސީސަންގައި ބާސާ ކުޅުން 15 މެޗުގެ ތެރޭން އެންމެ އަށް މެޗުން ފެނިފައިވާ ޕީކޭ ބާސާއަށް ފުރަތަމަ ކުޅެން ފައްޓާފައި ވަނީ 1997 ގައެވެ. އެއަށް ފަހު 2004ގައި އޭނާ ވަނީ މެންޗެސްޓާ ޔުނިއިޓަޑަށް ބަދަލުވެ، އެ ޓީމުގައި އުޅެމުން ލޯން ކުޅުންތެރިއެއްގެ ގޮތުގައި 2006ގައި ރިއަލް ޒަރަގޯޒާއަށް ކުޅެދީފަ އެވެ. ޕީކޭ ދެވަނަ ފަހަރަށް ބާސާއަށް ބަދަލުވެފައި ވަނީ 2008 ވަނަ އަހަރު އެވެ.
ބާސާގެ ކުރީގެ ކޯޗުންގެ ދަށުގައި އާންމުކޮށް ފުރަތަމަ އެގާރައިން ފެނިފައިވާ ޕީކޭ އާއި، ބާސާގެ މިހާރުގެ ކޯޗް ލުއިސް އެންރީކޭ އާ ދެމެދު އޮތް ގުޅުން އެހާ ރަނގަޅު ނޫންކަމަށް ވެސް ހަބަރުތައް ވަނީ ފެތުރިފަ އެވެ. އެ ވާހަކަތަކަށް ރައްދުދެމުން ޕީކޭ ބުނީ އޭނާ އާއި އެންރީކޭއާ ދެމެދު އޮންނަ ގުޅުމަކީ ފުޓްބާޅައިގެ ދުނަޔޭގައި އެތައް ހާސް ކޯޗުންނަކާއި ކުޅުންތެރިންނާ ދެމެދު އޮންނަ ގުޅުންފަދަ ގުޅުމެއް ކަމަށެވެ.
"ދަނޑުމައްޗަށް ކުޅެން އަރުވާނެ ކުޅުންތެރިން އިނގޭނީ އެ ޓީމެއްގެ ކޯޗަކަށް. އެއީ ހަމައެކަނި ކޯޗުގެ ނިންމުމެއް. ކުޅުންތެރިންނަށް އޮންނާނީ ކޯޗުގެ އިރުޝާދާ އެއްގޮތަށް ކުޅެން މަސައްކަތް ކުރުން،" ޕީކޭ ބުންޏެވެ.
ބާސާ ރިއަލް މެޑްރިޑާ ދެކޮޅަށް މިދިޔަ މަހު ކުޅުނު މެޗުން އެންމެ ފަހުން ދަނޑުމަތިން ފެނިފައިވާ ޕީކޭ ވަނީ އެ ޓީމަށް 274 މެޗު ކުޅެދީފަ އެވެ. އަދި މި މުއްގަތުގެ ތެރޭ އޭނާ ވަނީ 15 ޓައިޓްލްސް އެޓީމަށް ކާމިޔާބު ކުރުމަށް އެހީތެރި ވެދީފަ އެވެ. ސްޕެއިންގެ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ޕީކޭ ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް އާއި 2012 ވަނަ އަހަރުގެ ޔޫއެފްއާ ޔޫރޯ ތަށި ކާމިޔާބު ކުރި ސްޕެއިންގެ ސްކޮޑުގައި ވެސް ހިމެނިފަ އެވެ.