ދުނިޔޭގެ ސްކައުޓް ހަރަކާތްތަށް އަގު ހުރި ހިދުމަތަކެއް ކޮށްދެމުންދާ ސްކައުޓް ލީޑަރުންގެ އަގު ވަަޒަންކޮށް ބޯއީ ސްކައުޓްސް އޮފް ފިލިޕީންސް (ބީއެސްޕީ)ދޭ ހާއްސަ އެވޯޑެއް ރާއްޖޭގެ ތިން ލީޑަރަކަށް ލިބިއްޖެ އެވެ.

ފިލިޕީންސްގެ ސްކައުޓް ހަރަކާތަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިދިޔަ ހުކުރު ދުވަހު ފިލިޕީންސްގެ މަކާޓީ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ބީއެސްޕީގެ ފަރާތުންދޭ އެވޯޑް ދީފައިވަނީ، އަބްދުﷲ ރަޝީދު (ސީދިބެ) އަށާއި އަހުމަދު އަލި މަނިކް (ކެން) އަށާއި ހުސެއިން އަބްދުﷲ (ކެންދޫ) އަށެވެ.

ރާއްޖޭގެ ތިން ސްކައުޓް ލީޑަރުންގެ ތެރެއިން އެ ރަސްމިއްޔާތަށް ވަޑައިގަތް ކެންދޫ އަށާއި ސީދިބެ އަށް އެ އެވޯޑް ހަވާލުކޮށްދެއްވީ، ފިލިޕީންސްގެ ނައިބް ރައީސް އަދި ބީއެސްޕީގެ ރައީސް ޖެޖޮމާ ސީ ބިނޭ އެވެ.

އެގޮތުން، ފިލިޕީންސްގެ ސްކައުޓަށާއި ދުނިޔޭގެ ސްކައުޓް ހަރަކާތައް އަގު ހުރި ހިދުމަތްތަކެއް ކޮށްދެމުންދާތީ އެކަމުގެ އަގު ވަޒަންކޮށް ފިލިޕީންސްގެ ރައީސް ދެއްވާ "ޕްރެޒިޑެންޓްސް އެވޯޑް" ލިބިފައި ވަނީ ދުނިޔޭގެ ސްކައުޓިން އަށް ގިނަ ހިދުމަތްތަކެއް ކޮށްދެމުންދާ ސީދިބެ އަށެވެ.

ވޯލްޑް ސްކައުޓް މޫވްމަންޓް (ވޮޒަމް)ގެ މެލޭޝިއާ އޮފީހުގެ ހިންގުމާ ހަވާލުވެ ހުންނެވި ސީދިބެ އަކީ ރާއްޖެއިން އެންމެ ފުރަތަމަ ވޮޒަމް އިންދޭ އެންމެ މަތީ އެވޯޑް "ބްރޯންޒް ވުލްފް އެވޯޑް" ވެސް ލިބިލައްވާފައިވާ ސްކައުޓް ލީޑަރެވެ.

އެ ރަސްމިއްޔާތުގައި ރާއްޖޭގެ ސްކައުޓްގެ ޗީފް ކޮމިޝަނާ އަލި މަނިކް (ކެން) ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަންގެ އިންޓަނޭޝަނަލް ކޮމިޝަނަރު ހުސެއިން އަބްދުﷲ (ކެންދޫ) އަށް ލިބިލައްވާފައި ވަނީ، އޭޝިއާ އާއި މުޅި ދުނިޔޭގެ ސަކައުންޓުންނާއި އޮންނަ ގުޅުން ބަދަހިކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ އަގުވަންކޮށް ދޭ "އިންޓަނޭޝަނަލް ފްރެންޑްޝިޕް އެވޯޑް" އެވެ.

އިންޓަނޭޝަނަލް ފްރެންޑްޝިޕް އެވޯޑް ލިބިލެއްވި ރާއްޖޭގެ ދެ ސްކައުޓް ލީޑަރުންގެ ތެރެއިން، އަރަބިއްޔާ ސްކައުޓް ގްރޫޕުގެ ލީޑަރު، ކެންދޫއަކީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ބައިނަލްއަގްވާމީ މިފަދަ އެވޯޑެއް ލިބުނު ރާއްޖޭގެ ފުރަތަމަ ސްކައުޓް ލީޑަރު އެވެ. އަދި އޭނާއަކީ އޭޕީއާރު ސްކައުޓް ފައުންޑޭޝަނާއި ސްކައުޓް ރީޖަން، އޭޕީއާރުގެ ފައިނޭންޝިއަލް ސަބް ކޮމެޓީގެ މެންބަރެއް ވެސް މެއެވެ.