17 Nov 2014, 15:17
ޔޫރަޕިއަން ކަޕް ކޮލިފިކޭޝަންގައި ރޭ އިޓަލީ އާއި ކްރޮއޭޝައާ ބައްދަލުކުރި މެޗުގައި، ސަޕޯޓަރުން ދަނޑުމައްޗަށް ފަޓާސް އުކުމުގެ ސަބަބުން ދެ ފަހަރެއްގެ މަތިން މެޗު މެދުކަނޑާލަން ޖެހިއްޖެ އެވެ.
މިލާންގެ ޒެއްޕީ މެޒާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ލީޑް 11 ވަނަ މިނެޓުގައި އިޓަލީގެ އެންޓޯނިއޯ އެ ޓީމަށް ހޯދަދީފައި ވަނިކޮށް، ކްރޮއޭޝިއާ ވަނީ ފަހަތުން އަރާ މެޗުގެ ނަތީޖާ 1-1 ކަށް ބަދަލުކޮށްފަ އެވެ. މެޗުގެ 15 ވަނަ މިނެޓުގައި ކްރޮއޭޝިއާ އަށް އެ ޓީމްގެ ލަނޑު ކާމިޔާބު ކޮށްދިނީ އިވާން ޕެރިސިކް އެވެ.
އެ ލަނޑުތައް ފެނިގެން ދިޔަތާ އިރުކޮޅެއްތެރޭ، ކްރޮއޭޝިއާގެ ސަޕޯޓަރުން ވަނީ ދަނޑު މައްޗަށް ފަޓާސްތަކެއް އުކާފަ އެވެ. އެ ހާދިސާގެ ސަބަބުން މެޗުގެ ކުޅުން ވަނީ ވަގުތުކޮޅަކަށް މެދުކަނޑާލަން ޖެހިފަ އެވެ.
މެޗުގެ ފުރަތަމަ ހާފްގައި ވަރުގަދަ ކުޅުމެއް ދެއްކި ކްރޮއޭޝިއާ ދެވަނަ ހާފްވެސް ފައްޓާފައި ވަނީ ރަނގަޅު ފޯމެއްގަ އެވެ. އެ ހާފްގައި އިޓަލީ ވެސް ރަނގަޅު ހަމަލާތަކެއް އުފައްދާފައިވާ އިރު، މެޗުގެ 70 ވަނަ މިނެޓުގައި އަނެއްކާ ވެސް ފެނިގެން ދިޔައީ ކްރޮއޭޝައާގެ ސަޕޯޓަރުން ދަނޑުމައްޗަށް ފަޓާސްތަކެއް އުކި ތަނެވެ. އެ ހަމަނުޖެހުމުގެ ސަބަބުން 12 ވަރަކަށް މިނެޓަށް މެޗުގެ ކުޅުން ހުއްޓިފައިވާ އިރު، ރެފްރީ ވަނީ ދެ ޓީމްގެ ކުޅުންތެރިން ދަނޑުމަތިން ބާލުވާ، ސްޓޭޑިއަމް ބަލަހައްޓަން ތިބި ފުލުހުން އަންގަންދެން މެޗު މެދުކަނޑާލާފަ އެވެ.
އެ ހަމަނުޖެހުމަށް ފަހު މެޗުގެ ކުޅުން ކުރިއަށް ގޮސް، މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗު ނިމުމަށް ފަހު ކްރޮއޭޝިއާގެ ކޯޗް ނިކޯ ކޮވެކް ވަނީ އެޓީމް ސަޕޯޓަރުންގެ އަމަލުތަކަށް އިޓަލީގެ ޓީމާއި ސަޕޯޓަރުންގެ ފަރާތުން މާފަށް އެދިފަ އެވެ. އަދި އެއީ އެކަހަލަ ކަމެއް ހިނގި ފުރަތަމަ ފަހަރު ނޫންކަމަށާއި، އެއީ ގަސްދުގައި ހިންގާފައި ވާކަމެއް ކަމަށްވެސް އޭނާ ބުންޏެވެ.
"މީ އަލަށް ވީ ކަމެއް ނޫން. މިކަމާ ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އަހަރެން އުންމީދުކުރަން. މި ކަމުގެ ސަބަބުން ހަޑިވެގެން ދަނީ ކްރޮއޭޝިއާގެ ނަން. އެ ސްޓޭޑިއަމްގައި ކުޑަ ކުދިން ހިމެނޭ އާއިލާތައްވެސް ތިބި،" އޭނާ ބުންޏެވެ.
ޔޫރަޕުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެކަން ތަހުގީގު ކޮށް، ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ ހަބަރުތައް ފެތުރިފައިވާ އިރު، އެކަމާމެދު އެ އެސޯސިއޭޝަނުން އަދި ބަޔާނެއް ނެރިފައެއް ނުވެ އެވެ.