17 Nov 2014, 14:52
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މަސައްކަތްތައް ފުޅާ ކުރުމުގެ ގޮތުން ކޮމިޝަންގެ ފުރަތަމަ ރީޖަނަލް އޮފީސް އައްޑޫ ސިޓީ ހިތަދޫގައި ހުޅުވައިފި އެވެ.
މި މަހުގެ ނުވަވަނަ ދުވަހު ހުޅުވި އެ އޮފީހުގެ މަސައްކަތްތައް ރަސްމީކޮށް ފަށާނީ އަންނަ މަހުގެ 15 ވަނަ ދުވަހު ކަމަށާއި އެދުވަހު ޚާއްސަ ހަފްލާއެއް ބާއްވާނެ ކަމަށެވެ.
ރައްޔިތުންނަށް ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް ޓަކައި ރާއްޖޭގެ ދެ ސަރަހައްދެއްގައި ދެ ރީޖަނަލް އޮފީހެއް ގާއިމް ކުރުމަށް ކޮމިޝަނުން ނިންމާފައިވާ އިރު ފުރަތަމަ ގާއިމު ކުރެވުނު އޮފީހަކީ ދެކުނުގެ ސަރަހައްދަށް ހާއްސަ އޮފީހެކެވެ.
އެޗުއާރުސީއެމް ގާނޫނުގައި ބަޔާންކޮށްފައިވާ ޒިންމާތައް އަދާ ކުރުމަށް މެންޑޭޓު ކުރުމަށް އެ އޮފީހާ ހަވާލު ކުރެވިފައިވާ އިރު އެ މެންޑޭޓުގައި ހިމެނެނީ ގއ. އާއި ގދ. އާއި ސ. އަދި ޏ. އަތޮޅެވެ.
އެޗްއާރުސީއެމް "ސަދަން ރީޖަނަލް އޮފީހު"ގެ މަސައްކަތްތައް ބަހާލެވިފައި ވަނީ ހަތް ބަޔަކަށެވެ. އެއީ އިންސާނީ ހައްގުތަކާ ގުޅުން ހުރި މައްސަލަތައް ބެލުމާއި އިންސާނީ ހައްގުތަކަށް އިހްތިރާމު ކުރުމަށް ސަގާފަތެއް ގާއިމް ކުރުމާއި އިންސާނީ ހައްގުތަކާ ގުޅުން ހުރި ދިރާސާތައް ކުރުމެވެ. އޭގެ އިތުރުން އިންސާނީ ހައްގުތަކާ ގުޅުންހުރި ކަންތައްތައް ހިނގާ ނުހިނގާ މިންވަރު ދެނެގަތުގެ މަސައްކަތް އެތަނުން ކުރިއަށްދާނެ އެވެ. ދައުލަތުގެ މުއައްސަސާތަކާ އެކު ގުޅުން ހަރުދަނާކޮށް އިންސާނީ ހައްގުތަކާ ގުޅުން ހުރި މައްސަލަތަކަށް ދައުލަތް ޒިންމާދާރު ކުރުމާއި މަދަނީ މުޖުތަމައުގައި ހިމެނޭ ފަރާތްތަކާ އެކު މަސައްކަތް ކުރުމާއި ކޮމިޝަންގެ އިދާރީ ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތް ވެސް އެ އޮފީހުގައި ކުރިއަށްދާނެ އެވެ.