މި އަހަރުގެ އިރުވައިމޫސުމުގައި ރާއްޖޭގެ 110 ރަށެއްގެ ރައްޔިތުންނަށް ބޯފެނުގެ ދަތިކަން ކުރިމަތިވި ކަމަށް އެންވަޔަރްމެންޓް މިނިސްޓްރީ އިން ބުނެފި އެވެ.

އެންވަޔަރްމެންޓް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވުމަށް ވެލާނާގޭ ޕްރެސްރޫމްގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި މިނިސްޓަރު ތޯރިގު އިބުރާހީމް ވިދާޅުވީ 2016 ވަނަ އަހަރު އަންނަން ވާއިރަށް ފެނުގެ ދަތިކަން ކުރިމަތިވާ ރަށްތަކަށް ހައްލެއް ހޯދައި ދެއްވުމަކީ އަމާޒެއް ކަމަށެވެ.

"... މި އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ރެކޯޑްކުރެވިފައި އެބަހުރި 110 ރަށުގެ ފެނުގެ މައްސަލަ. މިދިޔަ އެކި އަހަރުތަކުގައި އެކި ވަރަށް މިހިރީ ރަށް ރަށުގައި ހޫނު މޫސުމުގައި ފެނަށް ޖެހުން. މި އަހަރު މިއީ ރެކޯޑް އަދަދެއް. އެއީ 110 ރަށް. އެކަމަކު މިދިޔަ އަހަރު ހުރީ ގާތްގަނޑަކަށް 50 އަކަށް 60 އަކަށް ރަށަށް ފެނުގެ ދަތިކަން ކުރިމަތިވެފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ރަށްރަށުގެ ރައްޔިތުންނަށް ކުރިމަތިވާ ފެނުގެ މައްސަލައަށް ހޯދޭނެ ހައްލަކީ ކޮބައިތޯ ބެލުމަށް މިހާރު ސާވޭ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބޯފެނުގެ ހިދުމަތް ދިނުމަށް މިނިސްޓްރީ އިން މިހާރު ކުރަމުން ގެންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ 10 ރަށެއްގެ ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން އަށް ރަށެއްގައި އަމަލީ މަސައްކަތް ހިނގަމުން އަންނަ ކަމަށާއި ދެ ރަށެއްގެ ފެނުގެ ނިޒާމު ޑިޒައިން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ރަށްތަކުގެ ފެނުގެ ނިޒާމަށް ގާތްގަނޑަކަށް 463 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

މިހާރު މަސައްކަތް ހިނގަމުންދާ ރަށްތަކުގެ އިތުރުން އެހެން 16 ރަށެއްގެ ފެނުގެ ނިޒާމު ގާއިމްކުރުމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ.

"... ފެނުގެ ނިޒާމު ގާއިމްކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން 16 ރަށެއްގައި ފެނުގެ ނިޒާމު ގާއިމްކުރުމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ހަމަޖެހިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

އިރުވައި މޫސުމުގެ ދުވަސް ވަރު ރާއްޖޭގެ ރަށްތަކުން ބޯފެން ހުސްވުމުގެ މައްސަލަ ފަހަކަށް އައިސް ކޮންމެ އަހަރަކު ކުރިމަތިވެ އެވެ. އަދި ރަށްތަކަށް ފެންފޯރުކޮށްދިނުމަށް ބޮޑު ހަރަދެއް ކޮންމެ އަހަރަކު ވެސް ކުރަން ޖެހެ އެވެ. އެގޮތުން މިދިޔަ އަހަރު އިމަޖެންސީކޮށް ފެން ފޯރުކޮށްދިނުމަށް ތިން މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވި ކަމަށް ޑިފެންސް މިނިސްޓްރީން އިއްޔެ ބުންޏެވެ.