ސްކޫލްތަކަށް އަމާޒުކޮށްގެން ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބޭއްވި ސައިންސް މައުރަޒުގައި އެންމެ މޮޅު އުފެއްދުންތެރި ދަރިވަރުން އެމެރިކާގައި ހުންނަ ޖައްވީ އިދާރާ، ނެޝަނަލް އެރޮނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ)އަށް ގެންދިއުމަށް ނިންމާފައިފި އެވެ.

"ސަކްސެސް ތްރޫ އެކްސްޕެރިމެންޓްސް"ގެ ނަމުގައި އިސްކަންދަރު ސްކޫލުގައި އިއްޔެ ބޭއްވި އެ ސައިންސް އެގްޒިބިޝަން އިން ހަތަރު ކެޓަގަރީއަކުން ފަސް ސްކޫލް ބައިވެރިވެފައިވާއިރު، އެ މައުރަޒުގައި ހުށަހެޅި އެންމެ މޮޅު އުފެއްދުންތެރި ސްކޫލަކަށް ހޮވުނީ ޖަމާލުއްދީން ސްކޫލުގެ ސެކަންޑަރީ ކެޓަގަރީގެ ދަރިވަރުންނެވެ.

"ސަކްސެސް ތްރޫ އެކްސްޕެރިމެންޓްސް"ގެ ނަމުގައި އިސްކަންދަރު ސްކޫލުގައި އިއްޔެ ބޭއްވި ސައިންސް އެގްޒިބިޝަން ތެރެއިން- ސަން ފޮޓޯ/ ފަޔާޒް މޫސާ

ވިޔަފާރި ވެރިންގެ ޖަމިއްޔާގެ ސެކްރިޓަރީ މުހައްމަދު ޝާހް "ސަން" އަށް ވިދާޅުވީ، ސައިންސް މައުރަޒުގައި ބައިވެރިކުރި އެންމެ ރަނގަޅު އުފެއްދުންތެރި ޖަމާލުއްދީން ސްކޫލުގެ ދަރިވަރުން ނާސާއަށް ގެންދިއުމަށް ނިންމާ، އެކަމާ ގުޅޭގޮތުން އެމެރިކާގެ އެމްބަސީއާ މަޝްވަރާކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެމެރިކާގެ އެމްބަސީއާ ވާހަކަދެއްކުމަށްފަހު ރަނގަޅު ދުވަސްކޮޅެއް ނިންމާފަ ދިއުމަށް ހަމަޖެހިފައި ވަނީ. އެކަމަށް އެމެރިކާގެ އެމްބަސީން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައި،" ވިޔަފާރިވެރިންގެ ޖަމިއްޔާގެ ސެކްރެޓަރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މަރުއަަޒުން އެންމެ މޮޅު ސްކޫލަށް ވެސް ހާއްސަ ކަމެއް ރާވާފައިވާ ކަމަށެވެ. އެގޮތުން މައުރަޒަށް އެންމެ ރަނގަޅު އުފެއްދުމެއް އުފެއްދި ސްކޫލަކަށް ހޮވުނު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ މަތީގައި ޓެލެސްކޯޕަކާއި ޑޯމްއެއް ހަރުކުރަން ނިންމާފައިވާ ކަމަށް ޝާހް ވިދާޅުވި އެވެ.
ސަކްސެސް ތްރޫ އެކްސްޕެރިމެންޓްސް"ގެ ނަމުގައި އިސްކަންދަރު ސްކޫލުގައި އިއްޔެ ބޭއްވި ސައިންސް އެގްޒިބިޝަން ތެރެއިން- ސަން ފޮޓޯ/ ފަޔާޒް މޫސާ

"ގިޔާސުއްދީންގައި އަޅުނގަޑުމެން ހަރުކޮށްދޭން ނިންމާފައިވާ ޓެލެސްކޯޕަށް ގާތްގަނޑަކަށް ދެ ލައްކަ ވަރަކަށް ރުފިޔާ ހަރަދުވާނެ. ފަންޑު ލިބި އަދި ޖަމިއްޔާއިން ފަންޑު ލައިގެން އެކަން އަޅުނގަޑުމެން ކޮށްދޭނަން،" އޭނާ ވިދާޅުވި އެވެ.

މައުރަޒުގެ ލޯވާ ޕްރައިމަރީ ކެޓަގަރީއިންނާއި ޕްރައިމަރީ ކެޓަގަރީން އެއް ވަނަ އަށް ހޮވިފައިވަނީ ގިޔާސުއްދީން ސްކޫލެވެ. އަދި ސެކަންޑަރީ ކެޓަގަރީން އެއްވަނަ ޖަމާލުއްދީން ސްކޫލް ހޯދިއިރު، ހަޔާ ސެކަންޑަރީ ކެޓަގަރީން އެއްވަނަ ހޯދާފައިވަނީ ސެންޓަރު ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްސީ) އެވެ.