ޕޮގްބާ ކިބައިގައި ފީފާ ބެލެން ޑޯ ކާމިޔާބުކުރެވޭނެ ފެންވަރު އެބަހުރި ކަމަށް އިނގިރޭސިވިލާތުގެ އާސެނަލްގެ މެނޭޖަރު އާސެން ވެންގާ ބުނެފި އެވެ.

ފްރެންޗް މީޑިއާއެއް ކަމަށްވާ ބެއިން ސްޕޯޓްސް އާ ވާހަކަ ދައްކަމުން ވެންގާ ބުނީ ޕޮގްބާ އަކީ ހުނަރުން ފުރިގެންވާ ކުޅުންތެރިއެއް ކަމަށާއި އޭނާގެ ކިބައިގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާ އަށް ފީފާ އިން ދޭ ބެލެންޑޯ އެވޯޑް ކާމިޔާބުކުރުމުގެ ފެންވަރު އެބަހުރި ކަމަށެވެ. ވެންގާ ބުނީ 2012 ވަނަ މެންޗެސްޓާ ޔުނައިޓެޑުން ޕޮގްބާ އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވުމުގެ ކުރިން އޭނާ އާސެނަލް އަށް ގެންނަން މަސަތްކަތް ކުރިކަމަށެވެ.

"ޕޮގްބާ އަކީ ޒުވާން އަދި ހުނަރުން ފުރިގެންވާ ކުޅުންތެރިއެއް. އޭނާގެ ކިބައިގައި އެބަހުރި ބެލެންޑޯ ކާމިޔާބުކުރެވޭނެ ފެންވަރު. އެވަރަށް މަސަތްކަތް ކުރަން ޖެހޭނީ. އޭނާ އަށް އެކަން ވާނެ. އަހަރެން ވަރަށް މަސަތްކަތް ކުރިން 2012 ވަނަ އަހަރު ޕޮގްބާ ޔުނައިޓެޑުން ޔުވެންޓަސް އަށް ބަދަލުވުމުގެ ކުރިން އާސެނަލަ އަށް އޭނަ ސޮއިކުރުވަން. އެކަމަކު އެ ހާލަތުގައި ޓްރާންސްފާގެ ކަންތައްތައް ދިޔައީ ވަރަށް އަވަސް އަވަހަށް. އެހެންވުމުގެ ސަބަބުން އަހަރުމެންނަށް އެކަން ނާކާމިޔާބު ވެގެން ދިޔައީ،" ވެންގާ ބުންޏެވެ.

ވެންގާ ބުނީ ޔުވެންޓަސްގައި ޕޮގްބާ ދައްކަމުން އަންނަ ކުޅުމަކީ އާދައިގެ ކުޅުމެއް ނޫންކަމަށާއި އޭނާގެ ކިބައިގައި ނެތް ހުނަރެއް އޮޅުން ފިލުވަން އުނދަގޫވާނެ ކަމަށެވެ.

އާސެނަލް އަށް ކޯޗުކަން ކޮށްދެމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ފްރާންސްގެ މެނޭޖަރު ވަނީ އެޓީމުގެ މިޑްފީލްޑަރު ޕޮޑޮލްސްކީގެ ޓްރާންސްފާގެ ކަންތައްތަކާ ބެހޭގޮތުން ނޫސްވެރިންނާ މައުލޫމާތު ހިއްސާ ކޮށްފަ އެވެ. ވެންގާ ބުނީ ޕޮޑޮލްސްކީ ނުވިއްކާނެ ކަމަށާއި މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ އޮއްޓަރެއް ހުރި ވާހަކަތަކެއް ނޫން ކަމަށެވެ.

"ޕޮޑޮލްސްކީ އެއް ނުވިއްކާނަން. މީޑިއާގައި މިދެކެވޭ ވާހަކަތަކަކީ އެއްވެސް އޮއްޓަރެއް ހުރި ވާހަކަތަކެއް ނޫން. އޭނަ އެއައީ ވޯލްޑް ކަޕަކަށް ފަހު. އަނެއްކާ އޭނަ ކުޅޭ ޕޮޒިޝަނަށް ކުޅޭ ގިނަ ކުޅުންތެރިން ތަކެއް ޓީމުގަ އެބަތިބި،" ވެންގާ ބުންޏެވެ.

އުމުރުން 30 އަހަރުގެ ޖަރުމަން ކުޅުންތެރިއާ ވަނީ މީގެ ކުރިން އާސެނަލް އާއެކު ޓްރާންސްފާގެ ވާހަކަތައް ހިއްސާ ކުރަން ބޭނުންވާ ކަމަށް މީޑިއާގައި ބުނެފަ އެވެ. އަންނަ ޖެނުއަރީ ޓްރާންސްފާގައި ޕޮޑޮލްސްކީ އާސެނަލް ދޫކޮށްދާން އުޅޭކަމުގެ ވާހަކަތައް ވެސް ވަނީ މީޑިއާގައި ފެންމަތިވެފަ އެވެ.