އަންނަ އަހަރަށް ލަފާ ކުރާ 24.3 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓުން މިނިވަން މުއައްސަސާތަކަށް ދިނުމަށް ނިންމާފައިވާ ބަޖެޓާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހަތް މުއައްސަސާއެއް ބަޖެޓު ކޮމިޓީއަށް ހާޒިރު ކުރަން މިއަދު ފާސްކޮށްފި އެވެ.

ބަޖެޓު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވިލިފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ހުށައަޅުއްވައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު ތާއީދު ކުރެއްވި ހުށައެޅުން ފާސްވީ 16 މެމްބަރުންގެ ވޯޓުން ނެވެ.

ރިޔާޒް ހުށައެޅުއްވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (އެންޑީއޭ) ހާޒިކުރުމަ ށެވެ.

މި ހުށައެޅުން އެގޮތަށް ހުށައެޅުމުގެ ކުރިން ރިޔާޒް ވަނީ މީރާ ވެސް އެ ލިސްޓުގައި ހިމަނާފަ އެވެ. ނަމަވެސް މީރާއަށް ދިނުމަށް ނިންމާފައިވާ ބަޖެޓުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އެ ފަރާތުން ބުނެފައި ވާތީ މީރާގެ ބަދަލުގައި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކޮމެޓީއަށް ގެންނަން ނިންމީ އެވެ.

"މީރާ ލިސްޓުން އުނި ކުރަން އަޅުގަނޑު ދެެކެން. އެއީ މީރާ އަށް އެބޭފުޅުންނަށް ބޭނުންވާ ބަޖެޓުގައި އެއްވެސް މައްސަލައެއް ނެތޭ ވަނީ ބުނެފައި،" ރިޔާޒް ވިދާޅުވި އެވެ.

މިއަދު ބޭއްވި ބަޖެޓް ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ރިޔާޒްގެ ހުށައެޅުމަށް އެމްޑީޕީގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުއް ގަފޫރު މޫސާ ވެސް ވަނީ ތާއީދު ކުރައްވާފައި އެވެ. ނަމަވެސް އެމްޑީޕީން އެހުށައެޅުމަށް ތާއީދުކޮށް އެ ހުށައެޅުމުގައިވާ އެލްޖީއޭއާއެކު މާލެ ސިޓީ ކައުންސިލް އާއި އައްޑޫ ސިޓީ ކައުންސިލް ގެނައުމަށް ހުށައެޅި އެވެ.

ނަމަވެސް މެމްބަރުންގެ މެދުގައި އެކަމާ ހިޔާލު ތަފާތުވުންތައް އުފެދި އެ ހުށައެޅުމަކަށް ތާއީދެއް ނުލިބެ އެވެ.
މިނިވަން މުއައްސަސާތައް ހާޒިރު ކުރާއިރު ޕާޓީތަކަށް ވަގުތު ދޫކުރި ގޮތަށް ބަލާލާއިރު ޕީޕީއެމްއަށް 20 މިނެޓު އެމްޑީޕީއަށް 15 މިނެޓު ޖުމްހޫރީ ޕާޓީއަށް 10 މިނެޓު އަދި އެމްޑީއޭ އަށް ހަތް މިނެޓު ދިނުމަށް ވަނީ ހަމަޖެހިފައިި އެވެ.

ބަޖެޓް ކޮމިޓީގެ މުގައްރިރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަޖެޓު ކޮމިޓީއަށް ފޮނުއްވާފައިވާ ސިޓީ އެއް ވަނީ އިއްވާފައި އެވެ. އެ ސިޓީގައި ބެޖެޓު ކޮމިޓީއާ ބައްދަލުކުރުމަށް އެ ކޮމިޝަނުން ވަނީ އެދިވަޑައިގެންފައިވެ އެވެ.

މީގެ އިތުރުން ވިޔަފާރި ވެރިންނާއި ބަޖެޓު ކޮމިޓީން ބައްދަލުނުކުރާ ގޮތަށް ވެސް މިއަދު ބައްދަލުވުމުގައި ވަނީ ނިންމާފައި އެވެ. މިގޮތަށް ކޮމިޓީން ނިންމީ މިމަހުގެ ތޭރަވަނަ ދުވަހު ވިޔަފާރި ވެރިންނަށް ބަޖެޓު ކޮމިޓީން ފޮނުއްވި ސިޓީގެ ޖަވާބު އެއްވެސް ފަރާތަކުން ފޮނުވާފައި ނެތުމުން ނެވެ.

ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ވިޔަފާރިވެރިންގެ އެއްވެސް ޝައުގުވެރި ކަމެއް މިކަމުުގައި ނެތުމުން އެބޭފުޅުން ނުގެނެސް ކޮމިޓީގެ އެޖެންޑާގެ ހުރި އެހެން ކަންތައްތަކަށް ދިއުން މާ މުހިއްމު ކަމަށެވެ.

"އަޅުގަނޑު ހުށައަޅަން ވިޔަފާރި ވެރިންގެ އެއްވެސް އިންޓްރެސްޓެއް މިކަމަކަށް ނެތް، އެހެންވީމަ އެބޭފުޅުން ދެން ކޮމިޓީއަށް ނުގެނެސް އެޖެންޑާގައި ދެން ހުރި އެހެން ކަންތައްތަކަށް ދާން އެބަޖެހޭ" އާރިފް ވިދާޅުވި އެވެ.