ރިސޯޓު ހެދުމަށް އުތުރުގެ ތިން އަތޮޅަކުން ހަތަރު ރަށެއް ބީލަމަށް ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ބުނީ އަލަށް ރިސޯޓް ހެދުމަށް ހުޅުވާލި ހަތަރު ރަށަކީ ހއ. މާފިނޮޅާއި އެ އަތޮޅު އިންނަފިނޮޅުގެ އިތުރުން ހދ. ދިއްޕަރުފުށީގެ އިތުރުން ށ. ބޮލިއްސަފަރު ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބުނީ އެ ރިސޯޓްތައް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން ސިޓީއާ އެކު ޝައުގުވެރިކަން ހުށަހަޅާ ފަރާތެއްގެ ޕްރޮފައިލް އާއި ޝައުގުވެރިކަން ހުށަހަޅާ ފަރާތަކީ ޓޫރިސްޓް ރިޒޯޓު ތަރައްގީކޮށް ހިންގުމުގައި ތަޖުރިބާ ހުރި ފަރާތެއް ނަމަ އެކަން އަންގައިދޭ ލިޔުންތަކާއި ޝައުގުވެރިކަން ހުށަހަޅާ ފަރާތަކީ ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގުމުގެ މާލީ ގާބިލުކަން ހުރި ފަރާތެއްކަން އަންގައިދީ ބޭންކަކުން ދީފައިވާ ލިޔުން ހުށައަޅަން ޖެހޭނެ ކަމަށެވެ.

އެލިޔުންތަކާ އެކު އަންނަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ކުރިން ޓޫރިޒަމް މިނިސްޓްރީ އަށް ހުށައަޅަން ޖެހޭ އިރު އެ ބީލަމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް މިމަހުގެ 24 ވަނަ ދުވަހު މެންދުރު 2:00ގައި ޓޫރިޒަމް މިނިސްޓްރީގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

އަލަށް ހަތަރު ރިސޯޓެއް ބީލަމަށް ލާފައިވާ އިރު ހދ. އަތޮޅުގައި ފަސް ރިސޯޓެއް ހެދުމަށް ދާދިފަހުން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. އަންނަ އަހަރު އެކަނިވެސް ހަ ރިސޯޓް ހެދުމަށް ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.