17 Nov 2014, 14:06
ފިޝަރީޒް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން އުޅަނދު ތަރައްގީކޮށް މަހަށް ނިކުތުމަށް ބާރުއެޅުމުގެ ގޮތުން ދޫކުރާ ލޯނު ދޫކުރުމުގެ ތިންވަނަ ފިޔަވަހީގެ ލޯނަށް އެދުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން އިތުރުކޮށްފި އެވެ.
އެ މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ލޯނަށް އެދުމުގެ ފުރުސަތު އިއްޔެގެ ނިޔަލަށް ހަމަވެފައިވީ ނަމަވެސް އިތުރު ދެ މަސް ދުވަހަށް އެ ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފައި ވަނީ އެ ލޯނަށް އެދުމަށް ގިނަ ފަރާތްތަކަކުން އެދެމުން ދާތީ ކަމަށެވެ.
ފިޝަރީޒް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ ޖުމްލަ އަދަދަކީ 8.8 މިލިއަން ރުފިޔާ އެވެ.
އެގޮތަށް ލޯނު ދޫކުރުމުގެ އަމާޒެއް ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ބުނީ ޒުވާން މަސްވެރިންނާއި އޮޑިވެރިން އިތުރުކުރުމަށް މަސައްކަތް ކުރާ އިރު، މަސްދޯނި ބަނުމަށް ބޭނުންވާ ތަކެތީގެ އަގު ބޮޑުވުމާއި ޒަމާނީ ވަސީލަތްތައް ހޯދުމާއި އުޅަނދަށް ބޭނުންވާ އިންޖީނު ހޯދުމުގައި މާލީ ގޮތުން ޒުވާނުންނަށް ދަތިތަކާ ކުރިމަތިލާން ޖެހޭތީ ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީ އިން ބުނީ އެ ފިޔަވަހީގެ ދަށުން ލޯނު ދޫކުރުމުގެ އުސޫލުތައް ބަޔާންކޮށްދޭ ލިޔުމާއި ލޯނަށް އެދޭ ފޯމް ރަސްމީ ގަޑިތަކުގައި އެ މިނިސްޓްރީ އިން އިންނާއި ބީއެމްއެލްގެ މެއިން ބްރާންޗް، ބާޒާރު ބްރާންޗް އަދި އަތޮޅުތެރޭގެ ބްރާންޗްތަކުން ލިބެން ހުންނާނެ ކަމަށެވެ.
ލޯނަށް އެދުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވަނީ 18 ޖެނުއަރީ 2015 ގެ ނިޔަލަށެވެ. ލޯނަށް އެދޭ ފޯމް ބަލައިގަންނާނީ ބީއެމްއެލްގެ މާލޭގައި ހުރި ބްރާންޗްތަކުންނާއި އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ބީއެމްއެލްގެ ބްރާންޗްތަކުންނެވެ.