އެސްޓީއޯ ނޫފަހި 39 ވަނަ ގައުމީ ފެތުމުގެ މުބާރާތް އިއްޔެ ފަށައިފި އެވެ.

މިމަހުގެ 16 އިން 22 ހަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މުބާރާތަކީ ސްވިމިން އެސޯސިއޭޝްން އޮފް މޯލްޑިވްސް އިންތިޒާމް ކުރާ މުބާރާތެކެވެ. ފެތުމުގެ މުބާރާތުގެ ފުރަތަމަ އިވެނޓުތައް ވަނީ އިއްޔެ މާލޭގެ ޓްރެކް ސަރަހައްދުގައި ކުރިއަށް ގެންގޮސްފައެވެ. މުބާރާތުގައި މިއަހަރު 140 އިވެންޓެއް ބާއްވަން ހަމަޖެހިފައި ވާއިރު، މިފަހަރުގެ މުބާރާތުގައި އަންހެން ހަ ޓީމާއި ފިރެހެން ހަތް ޓީމު ބައިވެރިވެފައިވެ އެވެ.

މުބާރާތުގެ އިވެންޓުތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ކޮންމެ ދުވަހަކު ހަވީރު 3:30 ފެށިގެން 6:00 ކަށެވެ. އެގޮތުން މުބާރާތުގައި އިއްޔެ ކުރިއަށް ގެންގޮސްފައި ވަނީ 50 މީޓަރުގެ ބެކްސްޓްރޯކް އިވެންޓުތަކަކާއި، 200 މީޓަރުގެ މެޑްލީ ރިލޭ އަދި 400 މީޓަރުގެ ފްރީސްޓައިލްގެ އިވެންޓުތަކެކެވެ.

ބެކްސްޓްރޯކް އިވެންޓުގައި 14 އަހަރުން މަތީގެ ފިރެހެން ފައިނަލާއި 14 އަހަރުން ދަށުގެ ދެ ޖިންސުގެ ފައިނަލް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި 12 އަހަރުން ދަށުގެ ދެ ޖިންސުގެ ހީޓްތަކަކާއި، އަންހެން އަދި ފިރެހެން ޓީމް ތަކުގެ މެދުގައި ހީޓްތަކެއް އިއްޔެ ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން މެޑްލީ ރިލޭގެ ދެ ޖިންސުގެ ފައިނަލް އާއި، ޓީމްތަކުގެ މެދުގައި ދެ ޖިންސުގެ ފްރީސްޓައިލް ފެތުމުގެ ފައިނަލް ވެސް ކުރިއަށް ގެންގޮސްފައި ވެ އެވެ.

މުބާރާތުގައި އިއްޔެ ބޭއްވި އިވެންޓްތަކުގެ ތެރެއިން 14 އަހަރުން މަތީގެ ބެކްސްޓްރޯކް އިވެންޓް ކާމިޔާބުކޮށްފައި ވަނީ ނިޝްވާން އިބްރާހިމެވެ. އަދި 14 އަހަރުން ދަށުގެ އަންހެން ބެކްސްޓްރޯކް އިވެންޓް ތުވާ އަހުމަދު ޝަފީގް ކާމިޔާބު ކޮށްފައި ވާއިރު، އެ އުމުރުފުރާގެ ފިރެހެން އިވެންޓް ކާމިޔާބު ކޮށްފައި ވަނީ ސަމޫހް ފަރްހަތު އެވެ.

މެޑްލީ ރިލޭގެ އަންހެން ޓީމް އިވެންޓުގައި 15 ޕޮއިންޓާއެކު ކްލަބް އޯލް ސްޓާ ތާވަލް ރޭންކިންގެ އެއްވަނަ ހޯދާފައި ވެ އެވެ. އެ ރިލޭގެ ފިރެހެން ޓީމް އިވެންޓުގައި ވެސް ތާވަލް ރޭންކިންގެ އެއް ވަނަ 15 ޕޮއިންޓާއެކު ހޯދާފައި ވަނީ އެ ކްލަބުންނެވެ. އަދި ފްރީސްޓައިލް އަންހެން ޓީމް އިވެންޓުގައި 15 ޕޮއިންޓާއެކު އެއްވަނަ ރޭންކް ހޯދާފައި ވަނީ ކްލަބް އޯލް ސްޓާ ގެ ފާތިމަތު ޒުހުރާ އިސްމާއިލް އެވެ.

މުޅިއަކު 126 ފެތުންތެރިން ބައިވެރިވެފައިވާ މި މުބާރާތުގައި މިއަދު ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ 50 މީޓަރުގެ ބެކްސްޓްރޯކް ހަތަރު އިވެންޓަކާއި، 100 މީޓަރުގެ ބްރެސްޓްސްޓްރޯކް ހަތް އިވެންޓެއްގެ އިތުރުން، 50 މީޓަރުގެ ބަޓަފްލައި ހަ އިވެންޓެކެވެ.