17 Nov 2014, 13:54
ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ށ. އަތޮޅު ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ށ. ނަރުދޫ ކްލަބް ކަމިން އަޕް ހޯދައިފި އެވެ.
މިމަހުގެ 10 އިން 16 އަށް ކުރިއަށް ގެންދިޔަ އެ މުބާރާތުގެ ފައިނަލް މެޗު އިއްޔެ ކުޅެފައި ވާއިރު، މި މެޗުގައި ބައްދަލުކޮށްފައި ވަނީ ށ. ފުނަދޫ ޒުވާނުންގެ ޖަމިއްޔާ އާއި ށ. ނަރުދޫ ކްލަބް ކަމިން އަޕް އެވެ. ކްލަބް ކަމިން އަޕް މުބާރާތުގެ ޗެންޕިއަންކަން ހޯދާފައި ވަނީ 1-2 ގެ ނަތީޖާއަކުންނެވެ.

ށ. އަތޮޅު މުބާރާތުގެ ފައިނަލް މެޗު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ނަރުދޫ ޓީމް
މި މުބާރާތުގައި ބައިވެރިވެފައި ވަނީ މުޅިއަކު ތިން ޓީމެވެ. ނޮކްއައުޓް އުސޫލުން ކުރިއަށް ގެންދިޔަ މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ ށ. މިލަންދޫ މިލަން އެފްސީ އާއި ފުނަދޫ ޒުވާނުންގެ ޖަމިއްޔާ އަދި ށ. ނަރުދޫ ކްލަބް ކަމިން އަޕް އެވެ.ހަތަރު މެޗު ކުޅުނު މުބާރަތުގެ ހުރިހާ މެޗެއް ވެސް ކުރިއަށް ގެންގޮސްފައި ވަނީ ފުނަދޫ ގަ އެވެ.
މުބާރާތާ ބެހޭ ގޮތުން "ސަން"އަށް މައުލޫމާތު ދެމުން ށ. ނަރުދޫ ކްލަބް ކަމިން އަޕްގެ އޮފިޝަލް އަހުމަދު އާތިފް ވިދާޅުވީ މި މުބާރާތް އެފްއޭއެމުން އިންތިޒާމްކޮށްފައިވާ ގޮތް "އެހާމެ ފުރިހަމަ" ނޫން ކަމަށެވެ. އަދި މުޅި އަތޮޅަށް ބާއްވާ މިފަދަ މުބާރާތަކަށް ބަލާއިރު މި މުބާރާތުގެ ފެންވަރު ރަނގަޅު ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.