ނަފްސާނީ ބަލިމަޑުކަން އިތުރުވާނަމަ މަސްތުވާތަކެތީގެ މައްސަލަތަކާއި މާރާމާރީ ފަދަ ކަންކަމުގެ މައްސަލަތަށް އިތުރުވަމުން ދާނެ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ނަފްސާނީ ސިއްހަތުގެ ގައުމީ ސިޔާސަތު އެކުލަވާލުމަށް ނަސަންދުރާ ޕެލަސް ހޮޓަލުގައި މިއަދު ބޭއްވި މަސައްކަތު ބައްދަލުވުން ފައްޓަވައި ދެއްވަމުން ހެލްތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ނާޒިމް ވިދާޅުވީ ނަފްސާނީ ބަލިމަޑުކަން އިތުރުވުން ހުއްޓުވުމަށް އަވަސް ގޮތްތަކެއް ހޯދަންޖެހޭ ކަމަށެވެ.

""ނަފްސާނީ ބައްޔަށް ހުށަހެޅޭ މިންވަރު މަދުކުރެވޭނީ އެކަމުގެ ވާހަކަ ދައްކާ އެކަމަށް އަޅާލައިގެން. މިހެން ކަންތައްތަތް ނުކުރެވިއްޖެ ނަމަ އޭގެ މިންވަރު އިތުރުވެގެން ދާނެ. އޭގެ އަސަރު މީހާގެ އާންމު ދިރިއުޅުމަށް ފޯރާނެ. އޭގެ ސަބަބުން ވަޒީފާއެއް ނުލިބި ހުރުމާއި މަސްތުވާތަކެތީގެ ވަބާގައި ޖެހުމާއި މަގުމަތީގައި ގިނަވެ މާރާމާރީ ފަދަ ކަންތައް ހުށަހެޅޭ މިންވަރު އިތުރުވެގެން ދާނެ" ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

ނަފްސާނީ ބަލިމަޑުކަމަކީ ރަނގަޅު ފަރުވާއެއް ދެވިއްޖެނަމަ ނައްތާލެވިދާނެ ބައްޔެއްކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ ހެލްތު މިނިސްޓްރީގެ އަމާޒަކީ އެ ބަލިތަކަށް ބޭސް ލިބޭނެ ފަސޭހަ ނިޒާމެއް ހަމަޖައްސައި ޓާޝަރީ ހޮސްޕިޓަލްތަކުން އެ ބަލިތަކަށް ފަސޭހަކަމާ އެކީ ފަރުވާލިބޭނެ ގޮތް ހެއްދެވުން ކަމަށެވެ.

ނަފްސާނީ ސިއްހަތުގެ ގައުމީ ސިޔާސަތު އެކުލަވާލުމުގެ އެއް ދުވަހުގެ މަސައްކަތު ބައްދަލުވުމަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ އެހީގައި ދަށުން ހެލްތު މިނިސްޓްރިން ކުރިއަށް ގެންދާ މަސައްކަތެކެވެ.

ހެލްތު މިނިސްޓްރީން ބުނީ ނަފްސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް އެކުލަވާލުވުމުގެ އެންމެ ބޮޑު ބޭނުމަކީ ނަފްސާނީ ބަލި މީހުން އަނބުރާ މުޖުތަމައުއަށް ގެނައުން ކަމަށެވެ. އަދި ނަފްސާނީ މީހުންނަށް ޕްރޮގްރާމްތައް ހިންގުމާއި އެފަދަ މީހުންނަށް ދޭ ފަރުވާތަކަކީ ފަސޭހައިން ލިބޭނެ ހިދުމަތްތަކަށް ހެދުން ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. މުޖުތަމައުގެ ނަފްސާނީ ދުޅަ ހެޔޮކަން ކުރިއެރުވުމުގައި ލާމަރުކަޒީ އުސޫލަކުން ހިދުމަތް ފުޅާ ކުރުމަކީ ވެސް ނަފްސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް އެންމެ ބޮޑު ބޭނުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.