17 Nov 2014, 13:14
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބައިވެރިކޮށްގެން ވިޔަފާރިކުރަން ދިއުމުން ޑިސްކައުންޓް ލިބޭ ސުކީމެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެ ސްކީމް ރާއްޖޭގައި ތައާރަފް ކުރުމުގެ މަސައްކަތް ފަށާފައި ވަނީ އިޖްތިމާއީ ހިދުމަތުގެ ދާއިރާއިން ގައުމީ އިނާމު ހާސިލް ކޮށްފައިވާ އަހުމަދު ހިޝާނެވެ. އަންނަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު ފަށާ އެ ސްކީމްގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ވިޔަފާރިތަކަށް ވަނީ ހުޅުވާލާފަ އެވެ.
ހިޝާން "ސަން"އަށް މިއަދު ވިދާޅުވީ އެ ސްކީމުގައި ބައެއް ވިޔަފާރިތަކުން ބައިވެރިވެފައިވާން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ ވިޔަފާރިތަކުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
"ފިހާރަތާކައި، ގެސްޓް ހައުސްތަކުގެ އިތުރުން ކެފޭ ރެސްޓޯރެންޓްތައް އަދި އެއާލައިންތައް ފަދަ ވިޔަފާރިތަކަށް ވެސް މި ސުކީމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި،" ހިޝާން ވިދާޅުވި އެވެ.
ހިޝާން ވިދާޅުވީ އެ ސުކީމުގައި ބައިވެރިވާ ފަރާތްތަކުން އެބޭފުޅުން ބޭނުންވާ އަދަދަކަށް ޑިސްކައުންޓް ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި މިއީ ބޭރުގެ ގައުމުތަކުން ރާއްޖެ ނަމޫނާއަކަށް ބަލަން ޖެހޭނެ ސުކީމަކަށްވާނެ ކަމަށް އުންމީދު ކުރައްވާކަމަށް ހިޝާން ވިދާޅުވި އެވެ.
"މި ސުކީމް ތައާރަފް ކުރުމުގެ ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ވެސް އެހެން މީހުން ފަދައިން ގެއިން ބޭރަށް ނުކުމެ ވިޔަފާރިކޮށްލުން ފަދަ ކަންކަމުގައި ހަރަކާތްތެރިވެވޭނެ ބައެއް ކަމަށް ހެދުން" ހިޝާން ވިދާޅުވިއެވެ.
ހިޝާން ވިދާޅުވީ އެ ސުކީމް ފެށުމަށް ނިންމާފައިވާއިރު ނުކުޅެދުންތެރިކަން ހުންނަ ކުދިންކަން އަންގައިދޭ ކާޑު ހެދުމުގެ މަސައްކަތް އަވަސް ކުރުމަށް ޖެންޑާ މިނިސްޓަރީއަށް އޭނާ ގޮވާލައްވާ ކަމަށެވެ.