17 Nov 2014, 12:20
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގެ ފުރަތަމަ ދުވަހު އައްޑޫ ސިޓީ، ގަން ޕޮލިސް ސްޓޭޝަންގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ދެ މީހަކާ ދެކޮޅަށް ދެ ފުލުހަކު ހެކިބަސްދީފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދެ ފުލުހަކު ހެކިބަސް ދީފައިވަނީ ސ. މަރަދޫފޭދޫ، ނޫރު، އަބްދުﷲ ޒުބައިރާއި އެ ރަށު ރޯޝަނީ، ހައުސް އަބްދުލް އަޒީޒާ ދެކޮޅަށެވެ.
މިއަދު ހެކިބަސް ދިން އެއް ފުލުހަކު ބުނެފައި ވަނީ އެ ދެ މީހުންގެ ތެރެއިން އަޒީޒު ފުލުހުންނާ ދިމާލަށް ގާ އުކައި ޝިލްޑުތަކުގައި ތަޅައި ފުލުހުންނާ ކުރިމަތިލުމަށްފަހު ގަން ޕޮލިސްޓޭޝަންގެ ތެރެއަށް ވަދެގެންފައިވާ ކަމަށެވެ.
އޭނާ ބުނީ ޕޮލިސްޓޭޝަން ތެރެއަށް ވަނުމުގެ ކުރިން އެތަނަށް ގެއްލުން ލިބިފައިނުވާ ކަމަށާއި ބަޔަކު އެތަނުގެ ތެރެއަށް ވަދެގަތްތާ އިރުކޮޅެއްގެ ތެރޭގައި އެތަނުގައި އަލިފާން ރޯވި ކަމަށެވެ.
އަޒީޒާ ދެކޮޅަށް ހެކިބަސްދިން ދެ ވަނަ ފުލުސް މީހާ ބުނީ ފުލުހުންގެ ޝިލްޑުތަކުގައި ތަޅައި ފުލުހުންގެ ސަފުތައް އޭނާ ފޫއަޅުވާލާފައިވާ ކަމަށެވެ. އެހެން ނަމަވެސް ގަން ޕޮލިސްޓޭޝަން ތެރެއަށް އަޒީޒު ވަދެގަތް ތަނެއް ނުދެކޭ ކަމަށް ފުލުސް މީހާ ބުންޏެވެ.
އަބްދުﷲ ޒުބައިރާ ދެކޮޅަށް ހެކިބަސް ދިން ފުލުހަކު ބުނީ މުޒާހަރާގެ ތެރޭގައި ގާތަކެއް ހިފައިގެން އޭނާ އުޅެނިކޮށް ފެނިފައިވާ ކަމަށާއި އެހެން ނަމަވެސް އޭނާ ގާ އުކަނިކޮށް ފެނިފައިނުވާ ކަމަށެވެ. އޭނައާ ދެކޮޅަށް ހެކި ބަސްދިން ދެ ވަނަ ފުލުސް މީހާ ބުނީ ޕޮލިސް ސްޓޭޝަންގެ ތެރެއަށް ޒުބައިރު ވަދެގެންފައިވާ ކަމަށެވެ.
ހެކީންނާ ސުވާލުކުރަން ފުރުސަތު އެރުވުމުން ޒުބައިރު ބުނީ އޭނާ ގަލެއްގައި އަތްވެސް ނުލާ ކަމަށާއި އެހެން ނަމަވެސް ޕޮލިސްޓޭޝަން ތެރެއަށް ވަން ކަމެއް ނުވަތަ ނޫން ކަމެއް މިހާރު ހަނދާނެއް ނެތް ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހަށް އެ ދެ މީހުންގެ ވަކީލު ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ. އެކަމާ ބެހޭ ގޮތުން ގާޒީ ކުރެއްވި ސުވާލުގެ ޖަވާބުގައި އެ ދެ މީހުން ބުނީ އެމީހުން ހީކުރީ މިއަދު ޝަރީއަތް އޮތްކަން ކޯޓުން ވަކީލަށް އަންގާނެ ކަމަށެވެ.
އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ ދިފާއީ ވަކީލު ކޯޓަށް ހާޒިރުކުރުމަކީ ދައުވާ ލިބޭ ފަރާތުން ކުރަންޖެހޭ ކަމެއް ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން ދިފާއީ ވަކީލުން ޝަރީއަތަށް ހާޒިރުވާން ކޯޓުން ނާންގާނެ ކަމަށެވެ.