17 Nov 2014, 12:00
މިދިޔަ ހުކުރު ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ޗައިނާގެ ޝަންހާއީގައި ބޭއްވި ޗައިނާ އިންޓަނޭޝަނަލް ޓްރެވެލް މާޓްގައި ބެހެއްޓި ރާއްޖޭގެ ސްޓޭންޑަށް މިފަހަރު ކުރިއަށް ވުރެ ބޮޑު ތަރުހީބެއް ލިބުނު ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން ( އެމްއެމްޕީއާރުސީ) އިން ބުނެފި އެވެ.
އެ ކޯޕަރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޗައިނާ އިންޓަނޭޝަނަލް ޓްރެވެލްމާޓް (ސީއައިޓީއެމް)ގައި އެކޯޕަރޭޝަނާ އެކު ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީގެ 26 ކުންފުންޏެއްގެ ފަރާތުން މަންދޫބުން ބައިވެރިވި ކަމަށެވެ. އަދި ބުނީ މިއަހަރުގެ ސްޓޭންޑްގައި ބިޒްނަސް މީޓިން ތައް ބާއްވާނެ ސަރަހައްދެއް ފުރަތަމަ ފަހަރަށް ތައާރަފް ކުރި ކަމަށެވެ. އަދި ރާއްޖޭގެ ބޭންޑަކުން ރާއްޖޭގެ މިއުޒިކް ވެސް ކުޅުނު ކަމަށާއި އެހެންވެ، ގިނަ ބައެއްގެ ޝައުގުވެރިކަން ލިބުނުކަމަށް ވެސް އެމްއެންޕީއާރްސީގެ ބަޔާނުގައިވެ އެވެ.

ޗީއައިޓީއެމްއަކީ ޗައިނާގައި ހިންގަމުން އަންނަ އެންމެ ބޮޑު ޓްރެވެލް މާޓެވެ. އެމާޓްގައި 2359 އެގްޒިބިޝަން ބޫތު ހުރެއެވެ. ޝަންހާއީއާއި ކަންމިން ސިޓީގައި އެއް ފަހަރާ ބާއްވާ އެފެއާގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ވިޔަފާރި ކުރުމަށާއި ވިޔަފާރި ބައްދަލުވުންތައް ބާއްވާނެ ފުރުސަތު ދެ އެވެ.
ޗައިނާގެ ޓޫރިސްޓުން ރާއްޖެއައުން އިތުރުވާން ފެށީ 2010 ވަނަ އަހަރު އެވެ. ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ 31.8 ޕަސެންޓް މީހުންނަކީ މިހާރު ޗައިނާ މީހުންނެވެ. މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން ސެޕްޓެމްބަރުމަހުގެ ނިޔަލަށް ޗައިނާގެ 286838 މީހުން ރާއްޖެއަ އެވެ.