17 Nov 2014, 11:55
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރެކޯޑިން، މަޖިލީހުގެ އިދާރާއިން މީޑިއާތަކަށް ދޫކުރަން ލާޒިމް ކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އާ ގަވާއިދު އިސްލާހުކުރަން ނިންމައިފި އެވެ.
މަޖިލީހުގެ ޖަލްސާތައް އުނި އިތުރެއް ގެނައުމެއް ނެތި، ބްރޯޑްކާސްޓް ކުރެވޭނެ ގޮތަށް މަޖިލީހުގެ އިދާރާއިން މިހާރު ވެސް ދަނީ ފީޑު ދޫކުރަމުންނެވެ. މިހާރު އަމަލު ކުރަމުންދާ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަޖިލީހުގެ ފީޑު މީޑިއާތަކަށް ދޫކުރުމުގެ އުސޫލު ކަނޑައަޅަނީ ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީންނެވެ. އާންމު ކޮމެޓީއަކީ މަޖިލީހުގެ އިދާރީ ޒިންމާތައް ބެލުމުގެ މަސްއޫލިއްޔަތު މަޖިލީހުގެ ގަވާއިދުން މަތިކޮށްފައިވާ ކޮމެޓީ އެވެ.
މަޖިލީހުގެ އާ ގަވާއިދު ދިރާސާ ކުރާ ކޮމެޓީން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ކޮމެޓީގެ މުގައްރިރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކުގެ ރެކޯޑިން މީޑިއާތަކަށް ދޫކުރަން ވާނީ އަގެއް ދީގެން ކަމަށެވެ. މަޖިލީހުގެ މެމްބަރުންނަށް މިހާރު ވެސް، ޖަލްސާތަކުގެ ރެކޯޑިން ދޫކުރަމުންދާ ކަމަށާއި އެ ރެކޯޑިންތައް ދޫކުރަނީ އަގެއް ހޯދުމަށް ފަހު ކަމަށް ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާތަކުގެ ރެކޯޑިން މީޑިއާތަކަށް ދޫކުރަން ލާޒިމް ކުރާ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދެވެ. އޭނާގެ ހުށަހެޅުމަށް ކޮމެޓީގެ މެމްބަރުން އިއުތިރާޒު ނުކުރުމުން، އޭނާގެ ހުށަހެޅުން މަޖިލީހުގެ ގަވާއިދަށް ގެނައުމަށް ކޮމެޓިން ވަނީ ނިންމާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރާ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ފަސް މެމްބަރުންނެވެ. އެއީ މެމްބަރު ނަޝީދާއި މެމްބަރު ހުސައިން މުހައްމަދާއި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމާއި މައްޗަންގޮޅި އުތުުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރެވެ.