ތ. ތިމަރަފުށީގައި މިރޭ ކުރިޔަށް ދާ ޑީއާރްޕީގެ ޖަލްސާއަށް ހުރަސް އެޅުމުގެ ގޮތުން ބަޔަކު ކަރަންޓް ކަނޑާލައިފި އެވެ.

އެ ޕާޓީގެ މިޑިޔާ ކޯޑިނޭޓަރު އަލީ ސޯލިހު ވިދާޅުވީ ޖަލްސާ ކުރިިޔަށް ދަނިކޮށް ފުރަތަމަ ކަރަންޓު ކަނޑަލާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަފުޅު ދައްކަވަނިކޮށް ކަމަށާއި އޭގެ ފަހުން ކަރަންޓު ދީގެން ޖަލްސާ ފެށިތަނާ އަނެއްކާ ވެސް ކަރަންޓު ކަނޑާލާފައިވާ ކަމަށެވެ.

"މިފަހަރު ކަރަންޓު ދުއްވާލި ކަމަށް ވަނީ އިންޖީނުގެއިން. ކަރަންޓް ދުއްވާލުން ފިޔަވައި އެހެން އިތުރު ކަމެއް ނުއެއް ހިނގާ، އެކަމަކު ޖަލްސާއަށް ހުރަސް އެޅުމުގެ ގޮތުން ބަޔަކު މީހުން މި ސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަދޭ،" ސޯލިހު ވިދާޅުވި އެވެ.

ފުލުހުން ބުނީ ތިމަރަފުށީގައި ކުރިޔަށްދާ ޑީއާރްޕީގެ ޖަލްސާ ކުރިޔަށްދާއިރު ދެ ޕާޓީގެ މެދުގައި ހަމަ ނުޖެހުންތަކެއް މިވަގުތު ހިނގަމުންދާ ކަމަށެވެ. ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި ޑީއާރްޕީގެ ތިމަރަފުށީ ޖަލްސާއަށް ހުރަސް އެޅުމަށް ބައެއް އެހެން ރަށްރަށުން މިރޭ ތިމަރަފުއްޓަށް މީހުން ގޮސްފައި ވެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޑީއާރްޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މިއަދު ޑީއާރްޕީން ދިއުމުން ވެސް ޕާޓީގެ ލީޑަރާ ދިމާކޮށް ހަމަނުޖެހުން ހިންގި އެވެ. އަދި އެޕާޓީގެ ޒައީމް މިއަދު ގދ. ކާޑެއްދޫއަށް ވަޑައިގަތުމުން ވެސް ވަނީ ހަމަނުޖެހުން ހިންގާފަ އެވެ.