17 Nov 2014, 11:52
ރާއްޖެ އިން ބޭރުގެ ތިން މަރުކަޒަކުން ރީހެބްގެ ފަރުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނެޝެނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ބުނެފި އެވެ.
ޑްރަގް އެޖެންސީގެ ފަރާތުން މީޑިއާ އަށް މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްކޮންފަރެއްސެއްގައި އެ އެޖެންސީގެ ބޯޑު މެމްބަރު އަލީ ޝާހިދު މުހައްމަދު ވިދާޅުވީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބުނެފައިވާ ފަދައިން މިހާރު ރާއްޖެ އިން ބޭރުގެ ތިން ރީހެބްލިޓޭޝަން ސެންޓަރަކާ އެކު އެގްރިމެންޓްކޮށްފައިވާ ކަމަށެވެ. އެގޮތުން އިންޑިއާގެ ޗެންނާއީގެ ދެ ތަނަކާއި ބެންގަލޫރުގެ ރިހެބިލިޓޭޝަން ސެންޓަރާ އެކު އެގްރިމެންޓް ހަދާފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ އެ ތިން ސެންޓަރަކީ އެންޑީއޭ އިން ގަބޫލު ކުރާ ފެންވަރުގެ ފަރުވާއާއި ރީހެބް ޕްރޮގްރާމްތައް ހިންގާ ތަންތަންކަން ކަމަށެވެ. އޭނާ ވިދާޅުވީ އެތަންތަނަށް ފަރުވާ ހޯދަން ދާންޖެހެނީ އަމިއްލަ ހަރަދުގައި ކަމަށެވެ.
މިއަދުން ފެށިގެން ބޭރުގެ ރީހެބިލިޓޭޝަން ސެންޓަރުތަކުން ފަރުވާ ހޯދަން ދާން އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދުން ފަށައިގެން އަޅުގަނޑުމެންނަށް މިވަނީ އެ ޕްރޮސެސް ފެއްޓިފައި. މިއަދުން ފަށައިގެން ވެސް ބޭރުގެ ރީހެބްތަކަށް ދާންބޭނުންވާ ކުދިންނަށް މިކޮޅަށް (އެންޑީއޭއަށް) އެދެވޭނެ،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަންތައް އަވަސް ކުރީ މިހާރު ވެސް ބައެއް ފަރާތްތަކުން ރާއްޖޭން ބޭރުގައި ފަރުވާ ކުރިއަށްގެންދަން އެދެމުން އަންނާތީ ކަމަށެވެ. އަދި ކޯޓު މެދުވެރިކޮށް ޑްރަގު އަމުރެއް ލިބޭ ފަރާތްތަކަށް ނުވަތަ އަމުރެއް ނެތް ނަމަވެސް އަމިއްލަ އަށް އެދޭ ފަރާތްތަކަށް އެފުރުސަތު ފަހިކޮށްދޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.