17 Nov 2014, 11:10
ރޭ ނެދަލޭންޑްސްގެ އެމްސްޓަޑަމް އެރީނާގައި ކުޅުނު 2016 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕުގެ ކޮލިފައިންގެ މެޗުގައި ލެޓިވިއާގެ މައްޗަށް 6-0 ން ކުރިހޯދައި ނެދަލޭންޑްސް އިން ގްރޫޕް އޭގެ ތިންވަނަ އަށް ޖެހިލައިފި އެވެ.
ކޮލިފައިންގެ ތިންވަނާގައި މިވަގުތު ހަ ޕޮއިންޓާ އެކު ނެދަލޭންޑްސް އޮތް އިރު މެޗުން ބަލިވި ލެޓިވިއާ އޮތީ ދެ ޕޮއިންޓާ އެކު ތާވަލުގެ ފަސްވަނައިގަ އެވެ. ގްރޫޕްގެ އެންމެ ކުރީގައި އޮތީ ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓް ހޯދައިގެން ޗެކް ރިޕަބްލިކް އެވެ.
ރޭގެ މެޗުގައި ނެދަލޭންޑްސް އަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގެ ހަވަނަ މިނުޓުގައި ރޮބިން ވެންޕާސީ އެވެ. ދެވަނަ ލަނޑު 35 ވަނަ މިނުޓުގައި އަރްޔެން ރޮބެން ކާމިޔާބުކޮށްދިން އިރު ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ފޯވަޑް ކްލާސް ޖަން ހުންޓެލާ ވަނީ ލަނޑެއް ޖަހައި އެޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ.
މެޗުގެ 72 ވަނަ މިނުޓުގައި ޖެފެރީ ބްރޫމާ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިން އިރު 82 ވަނަ މިނުޓުގައި ރޮބެން ވަނީ ރޭގެ މެޗުގައި އޭނާ ކާމިޔާބުކޮށްދިން ދެވަނަ ލަނޑާ އެކު އެ ޓީމަށް ބޮޑު ލީޑެއް ހޯދައި ދީފަ އެވެ. މެޗުގައި ނެދަލޭންޑްސް އިން ހަ ވަނަ ލަނޑު މެޗު ނިމެން ކައިރިވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ހުންޓެލާ އެވެ.
މުޅި މެޗުހެން ޑޮމިނޭޓް ކޮށްގެން ކުޅުނު ނެދަލޭންޑްސް ޓީމަށް ވަނީ މެޗުގައި އިތުރު ލަނޑުތަކެއް ޖަހަން ފުރުސަތު ލިބިފަ އެވެ. މިގޮތުން ފޯވަޑް ރޮބިން ވެންޕާސީ އާއި ރޮބެންގެ ހަމަލާތައް ލެޓިވިއާގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ. ހުންޓެލާގެ ފަރާތުން ދެވަނަ ހާފުގައި ލެޓިވިއާގެ ގޯލަށް ނުރައްކާވި އިރު އޭނާ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ އިދިކޮޅު ޓީމުގެ ޑިފެންޑަރުންނެވެ.
މި ނަތީޖާ އާއެކު ޕްރެޝަރެއްގެ ތެރޭގައި ހުރި ނެދަލޭންޑްސްގެ ކޯޗު ހިޑިންކް އަށްވަނީ ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފަ އެވެ. ކޮލިފައިންގައި ނެދަލޭންޑްސް ނެރެމުން އަންނަ ދަށް ނަތީޖާ ތަކުގެ ސަބަބުން އެޓީމުގެ ކޯޗު ކަމުން ހިޑިންކް ވަކިކުރަން އުޅޭކަމުގެ ވާހަކަތައް ވެސް ވަނީ ފެންމަތިވެފަ އެވެ. މެޗަށްވުރެ ކުރިން އޮތް ޕްރެސް ކޮންފެރެންސް އެއްގައި ވާހަކަ ދައްކަމުން ހިޑިންކް ބުނީ ލެޓިވިއާ މެޗުން ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިއްޖެ ނަމަ ކޯޗު ކަމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. ނެދަލޭންޑްސް ވަނީ ޔޫރޯ ކޮލިފައިންގައި އަމިއްލަ ދަނޑުގައި ޗެކް ރެޕަބްލިކް އަދި އައިސްލޭންޑް އަތުން ވެސް ބަލިވެފަ އެވެ.