17 Nov 2014, 10:17
އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 37 ޕަސެންޓް ދިވެހިން ވޯޓު ގަތުމުގެ އަމަލުތައް ތަޖުރިބާ ކޮށްފައިވާ ކަމަށް އިންޓަނޭޝަނަލް ފައުންޑޭޝަން ފޯ އިލެކްޓޯރަލް ސިސްޓަމްސް (އައިއެފްއީއެސް)ގެ ދިރާސާއަކުން ދައްކައިފި އެވެ.
އައިއެފްސީއެސް އާއި ސީޑީއީ ކޮންސަލްޓިން ގުޅިގެން ކުރިއަށް ގެންދިޔަ އެ ދިރާސާ އިން ދައްކާ ގޮތުން މި އަހަރުގެ މާޗް މަހު ބޭއްވި އިންތިހާބުގައި ރާއްޖޭގެ ވޯޓްލާ އާބާދީގެ 37 ޕަސެންޓް މީހުން ވަނީ ވޯޓު ގަތުމުގެ އަމަލުތައް ތަޖުރިބާކޮށްފަ އެވެ. އެ ދިރާސާ ހަދާފައި ވަނީ ގައުމީ ފެންވަރެއްގައި 1060 މީހުންނާ ސުވާލުކޮށްގެން ކަމަށް އައިއެފްއީއެސް އިން ބުންޏެވެ.
"ސިޔާސީ ޕާޓީތަކާއި ކެނޑިޑޭޓުން ކެމްޕެއިނަށް ހަރަދު ކުރާގޮތާ މެދު އާންމުން އިންތިހާއަށް ޝައްކުގެ ނަޒަރަކުންދެކޭ، ހަމައެހެންމެ ކެމްޕެއިން ފައިސާގެ ޒިނާމު މުރާޖައާ ކުރުމަށް އަދި ހާއްސަ ގޮތެއްގައި ވޯޓު ގަތުމުގެ އަމަލުތަކަށް ހައްލެއް ގެނައުމަށް އާންމު ރައްޔިތުންގެ ބޮޑު ތއީދެއް އެބައޮތް،" އެ ދިރާސާއާ ގުޅޭ ގޮތުން ނެރުނު ރިޕޯޓްގައި ބުނެފައިވެ އެވެ.
"ދިވެހި ރާއްޖޭގެ އިންތިހާބުތަކުގައި ފައިސާގެ ނުފޫޒު: ރައްޔިތުން ދެކޭގޮތާއި ހަގީގަތް" ނަމުގައި ކޮށްފައިވާ އެ ދިރާސާ އެ ރިޕޯޓް ރަސްމީކޮށް ދެ ދުވަހެއްގެ ތެރޭގައި ނެރުމަށް ނިންމާފައިވާ އިރު އެ ދިރާސާ އިން ވޯޓު ގަތުމާއި ކެމްޕެއިންތަކާ ގުޅޭ ހަރަދާއި އިންތިހާބާ ގުޅޭ މައްސަލަތަކުގެ ތަފާސް ހިސާބުތައް ހިއްސާ ކުރެވޭނެ ކަމަށް އައިއެފްއީއެސް އިން ބުންޏެވެ.
އައިއެފްއީއެސް އަކީ އިންތިހާބީ އޮފިޝަލުންނަށް ފަންނީ ތަޖުރިބާ ފޯރުކޮށްދޭ ޖަމިއްޔާއެކެވެ. އެގޮތުން 1978 ވަނަ އަހަަރުން ފެށިގެން މިހާތަނަށް 135 އަށް ވުރެ ގިނަ ގައުމުތަކުގައި އެޖަމިއްޔާ އިން ހަރަކާތްތެރިވެފައިވެ އެވެ. އެ ޖަމިއްޔާ އިން ރާއްޖޭގައި ހަރަކާތްތެރިވާތާ މިހާތަނަށް ވެފައި ވަނީ ގާތްގަނޑަކަށް އެއް އަހަރެވެ.